މަސްތުވާތަކެތި ބޭނުން ކޮށްގެން ހުރި ފުލުހަކު، މަސްތުވާ ތަކެއްޗާއި އެކު ކ.ކާށިދޫއިން ހައްޔަރު ކޮށްފިއެވެ.
އެފުލުސް މިހާ ހައްޔަރު ކޮށްފައިވަނީ ރޭގެ މެންދަމުގެ ވަގުތެއްގައެވެ. އަދި ހައްޔަރު ކުރި ފުލުސްމިހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކ.ކާށިދޫ ކޯޓައް ގެންދިއުމުން އެކޯޓުން ވަނީ އޭނާގެ މައްޗަށް 10 ދުވަސް ބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފައެވެ. މައުލޫމާތި ލިބިފައިވާ ގޮތުގައި އެފުލުސް މީހާއަކީ ކ.ކާށިދޫއަށް ޗުއްޓީއެއްގައި ގޮސް ހުރި މީހެކެވެ.
ފުލުހުން މިރޭ މީޑީއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިމަހުގެ 8 ވަނަ ދުވަހު ކާށިދޫއިން މީހަކު މަސްތުވާ ތަކެއްޗާއި އެކު ހައްޔަރު ކޮށްފައިވާ ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސް އެމީހާގެ، ކުޑަ ކަމުދާ ތަކެތި ޓެސްޓުކުރި އިރު މަސްތުވާ ތަކެއްޗަށް އެމީހާ ޕޮސިޓިވް ވެފައިވާ ކަމަށެވެ. އަދި ފުލުހުން އެމީހާގެ ގެ ބަލާ ފާސް ކުރިއިރު އެމީހާގެ އަތުން މަސްތުވާ ތަކެތި އަޅާފައި ހުރި 3 ރަބަރު ޕެކެޓު ފެނިފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުން ދާ މައްސަލައެއް ކަމުން މިކަމުގެ އިތުރު ތަފްސީލް މިވަގުތު ދެވެން ނެތްކަމަށެވެ.