ރަޝިޔާއިން ކޯވިޑް 19 އިން ރައްކާތެރި ވުމަށް ތައްޔާރު ކުރި ވެކްސިން މިފެށޭ ހަފްތާގައި ރަޖިސްޓަރީ ކުރުމަށް ނިންމައިފި ކަމަށް އެގައުމުން ބުނެފިއެވެ.
ރަޝިޔާގެ ހެލްތު މިނިސްޓަރު މީކާއިލް މުރަޝްކޯ ވަނީ ރަޝިޔާގައި އުފައްދާ ވެކްސިން އުފެއްދުމަށް މިފެށޭ މަހުގެ ތެރޭގައި ފެށޭނެކަމަށ ވިދާޅުވެފައެވެ. އަދި އެވެކްސިން އުފެއްދުމަށް ހަރުދުވާ ހުރިހާ ފައިސާއެއް ރަޝިޔާ ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށްވެސް ވިދާޅުވެފައެވެ. މީގެ އިތުރުން ހެލްތު މިނިސްޓަރު ވިދާޅުވީ ވެކްސިން ގެ އެންމެ ފަހުގެ މަރުހަލާ މިހާރު ފެށިގެން ކުރިޔަށް ދާކަމަށާއި ވެކްސިން ރައްކާތެރި ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ވެކްސިން އުފެއްދުމަށްފަހު ރަޝީޔާގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން ދުވަސްވީ މީހުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މީހުންނަށް ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ ބުނެފައެވެ.
ރަޝިޔާގެ ގަމަލެޔާ ރިސާޗު ސެންޓަރާއި އެގައުމުގެ ޑިފެންސް މިނިސްޓްރީ ގުޅިގެން އުފައްދާ މި ވެކްސިން ރަޖިސްޓާ ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
މިހާތަނަށް ދުނިޔޭގެ އެކި ކަން ކޮޅުތަކުން 19 މިލިޔަނަށް ވުރެ ގިނަ މީހުން ވަނީ ކޯވީޑް 19 އަށް ފައްސިވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ކޯވިޑް 19 އަށް ވެކްސިނެއް ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.