ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ސިރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.
ލަންކާގެ ރައީސްކަން ރިސޭނާ ކުރައްވާފައިވަނީ 2015 އިން 2019 އަށެވެ. އެމަނިކުފާނު ވަނީ 1989 އިން 2015 އާ ހަމައަށް މެދުނުކެނޑި 6 ފަހަރު މަޖިލީހުގެ މެންބަރުކަން ކުރައްވަފައެވެ.
ފަސް އަހަރުގެ ރައީސްކަން ކުރެއްވި މެދު ކެނޑުމަކަށް ފަހު މިދިޔަ ބުދަ ދުވަހު ލަންކާގައި ބޭއްވި 2020ގެ އިންތިޙާބަށް ސިރިސޭނާ ވާދަކުރެއްވީ މިހާރު ވެރިކަން ކުރާ ޕޮޑުޖަނަ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޕޮލޮންނަރުވަ ޑިސްޓްރިކްޓުންނެވެ.
ޕޮލޮންނަރުވަ ޑިސްޓްރިކްޓުގެ ފަސް ގޮނޑީގެ ތެރެއިން 4 ގޮނޑި ޕާޓީން ކާމިޔާބުކުރިއިރު އެންމެ ގިނަ ވޯޓު ހޯއްދެވީ ކުރީގެ ރައީސް ސިރިސޭނާއެވެ. އެގޮތުން އެމަނިކުފާނު ވަނީ 111،137 ވޯޓު ކާމިޔާބު ކުރައްވިއެވެ.
ރައީސް މައިތުރިޕާލަ ސިރިސޭނާއަކީ ލަންކާގައި ރައީސްކަން ކުރެއްވުމަށްފަހު ޤާނޫނު ހަދާ މަޖިލީހަށް އިންތިހާބުވި 2 ވަނަ ރައީސެވެ.