ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގައި 3 އަހަރު ވަންދެން ވެރިކަން ކުރެއްވި ރައީސް މުހައްމަދު ނަޝިދު ވަނީ ޖުޑިޝަރީ ހިސޯރު ކޮށްފައިކަމަށާއި އެމަނިކުފާނު ވަގުތުން ވަގުތަށް އިސްތިއުފާ ދޭންޖެހޭ ކަމަށް ކ.ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު ގޮވައިލާފިއެވެ.
ޑީއާރުޕީގެ ޓުއިޓާ އެކައުންޓުން، ޖާބިރުއާއި ހަވާލާދީ ބުނެފައި ވަނީ 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބާއި، 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވީ މިނިވަން ޖުޑިޝަރީއެއް ރާއްޖޭގައި ގާއިމުކޮށްދޭނެ ކަމަށް ރައްޔިތުންނަށް ވައުދުވުމުން ކަމަށެވެ. އެހެން ނަމަވެސް މިއަދު ފެންނަމުން މިދަނީ ޖުޑީޝަލް ސާވިސް ކޮމިޝަން، ހިސޯރުކުރައްވައިގެން ރައީސް ނަޝީދު އިންވާ މަންޒަރު ކަމަށާއި، މިހާރުން މިހާރަށް އެމަގާމުން އިސްތުއިފާ ދެއްވާ ޖޭއެސްސީގައި ސިޔާސީ އެއްވެސް ބޭފުޅަކަށް ނީނދެވޭހެން ގާނޫނު އަސާސީ އިސްލާހު ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީއަކީ ޖޭއެސްސީ މިނިވަން ވާން ޖެހޭނެ ކަމަށް އެންމެ ބޮޑަށް ވަކާލާތުކުރި ޕާޓީއަށް ވާއިރު، އެމްޑީޕީއަށް ޖޭއެސްސީ މިނިވަން ކުރެވޭ ވަރަށް މަޖިލިހުގެ މެޖޯރިޓީ ދިނުމުން ވެސް އެކަން ނުވި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލައި، ފިޔަވަޅު އެޅުމާއި ފަނޑިޔާރުން ރެގިއުލޭޓް ކުރުން ގާނޫނު އަސާސީން ހަވާލުކުރީ ޖޭއެސްސީއާ އެވެ. އެހެންވެ، ޝަރުއީ ނިޒާމާ ގުޅޭ އެންމެ މުހިންމު އަދި އެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ ވެސް ގާނޫނު އަސާސީން ހަވާލު ކޮށްފައި އޮތީ އެ ކޮމިޝަނާއެވެ.
ޖޭއެސްސީގައި ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުން އިންތިހާބުކުރާ މެމްބަރަކާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ އިތުރުން ރައީސް ކަނޑައަޅުއްވާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން ހޮވާ މެމްބަރެކެވެ.