ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19އަށް ޕޮޒިޓިވްވި 240 މީހަކު އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި އެބަ ތިބި ކަމަށް އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެ 240 މީހުންގެ ތެރޭގައި އެކިއެކި ސަބަބުތަކާހުރެ ނުގެންދެވި ތި މީހުން ވެސް ހިމެނޭ ކަމަށެވެ.
ނަމަވެސް ވީއެންމެ އަވަހަށް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތަށް ގެންދާއިރު ވެސް ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ޙާއްސަ އިސްކަމެއްދޭ ކަމަށް ޑރ. ނަޒްލާ ހަމަކުރިއެވެ.
”މިސާލަކަށް ކުއްޖާގެ މަންމަ ޕޮޒިޓިވްވި ނަމަވެސް ދަރިފުޅު ޓެސްޓުކުރުމަށް ފަހު ނަތީޖާ ލިބުނީމަ ދާން ބޭނުންވާ ފަރާތްތައް އެބަ ތިބި. ނޫނީ އޭގެ އަނެއްކޮޅު. ކުއްޖާ ޕޮޒިޓިވްވީމަ މަންމަ ޓެސްޓުކުރުމަށް ފަހު ދާން ވެސް އެބަތިބި“ ޑރ. ނަޒްލާ މަޢުލޫމާތު ދިނެވެ.
މަދުން ނަމަވެސް ވަކި ފެސިލިޓީއަށް ނުވަތަ އާއިލާ މީހަކު ހުރި ފެސިލިޓީއަކަށް ނޫނީ ނުދާން ވެސް އެބަ ތިބި ކަމަށެވެ.