މަދަނީ އިއްތިހާދުގައި ހިމެނޭ 18 ޖަމުއިއްޔާއަކަށް ނިސްބަތްވާ މަންދޫބުންތަކެއް މި ބައްދަލުވުމުގައި ބައިވެރިވެލައްވާފައިވެއެވެ.
އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގެ ބޭނުމަކީ އެން.ޑީ.އެން އިން އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާއި ދެކޮޅަށް ލިޔުނު ރިޕޯޓް ގެ މައްސަލާގައި އެކަމުގައި ބައިވެރިވި އެއްވެސް މީހަކަށް ފިޔަވަޅެއް ނޭޅި އޮތުމާއި އަދި އުތެމައިން އަނެއްކާވެސް މިފަދަ އެހެން ރިޕޯޓެއް ނެރިފައިވާތީ އެ ކަންކަން ފާހަގަކޮށް ވާހަކަދެއްކެވުމުގެ ގޮތުންނެވެ.
މީގެ އިތުރުން ރާއްޖޭގެ އިސްލާމީ ވަޙްދަތާއި އިސްލާމީ ވަންތަކަމަށް ކުރިމަތިވަމުން އަންނަ ނުރައްކާތެރި ގޮންޖެހުންތަކާއި ބެހޭގޮތުންވެސް މަޝްވަރާ ކުރައްވެނުވެ. އަދި ބޭރުގެ ފަރާތްތަކުގެ އެހީގައި ހިންގޭ އިސްލާމީ ދީނާއި ޚިލާފު ކަންކަމާއި ދެކޮޅަށް ކުރެވެން ހުރި ކަންކަމާއި މެދުވެސް ޚިޔާލު ބަދަލުކުރެވިފައިވާކަމަށް ރައްޔިތުންގެ އިއްތިހާދުން ހާމަކުރެއެވެ. އަދި މިފަދަ ކަންކަމާއި މެދު ގާނޫނީ ގޮތުން ކުރެވެން ހުރިކަންކަމާއި އެޅެން ހުރި ގާނޫނީ ފިޔަވަޅުތަކާއި ރާއްޖޭގެ ގާނޫނުތައް ނެގެހެއްޓުމަށްޓަކައި ގާނޫނު ތަންފީޒުކުރުމުގެ މުހިއްމުކަމާއި މެދު ދީނީ އިލްމުވެރިންގެ މެދުގައިވަނީ މައުލޫމާތު ބަދަލުކުރެވިފައިކަމަށް ވެސް ރައްޔިތުންގެ އިއްތިހާދުންވަނީ ހާމަކޮށްފައެވެ.
މި ބައްދަލުވުމުގައި އަތޮޅުތެރޭގައި ތިއްބަވާ ދީނީ ބޭފުޅުންގެ އިތުރުން ރާއްޖެއިން ބޭރުގައި އުޅުއްވާ ދީނީ އިލްމުވެރިންވަނީ ބައިވެރިވެލައްވާފައެވެ. އެގޮތުން 30 ވަރަކަށް ދިނީ އިލްމުވެރިން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެލައްވާފައެވެ.