މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސް ނަޝީދު ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދަރަނީގެ ގޮތުގައި ހިސާބު ކުރެވިފައިވާ މިންވަރު، ފިނޭންސް މިނިސްޓްރީއިން ދައްކާ އަދަދާއި، މަޖިލީހުގެ އިދާރާއިން ދައްކާ އަދަދު، ދިމާނުވާކަމަށް ބުނެ އެމައްސަލަ މަޖިލީހުގެ ތަޅުމަށް ހުށައަޅާފައެވެ.
އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމައްސަލަ ހުށައަޅުއްވަން ޖެހުނީ، މިދިޔަ އަހަރުގެ ޖޫންމަހު ފިނޭންސް މިނިސްޓްރީއިން މަޖިލީހުގެ އިދާރާއަށް ފޮނުވި ދަރަނީގެ ހިސާބާއި، އޭގެ ކުރިން މަޖިލީހުގައި ހުރި ދަރަނީގެ ހިސާބުތަކާ ދިމާނުވާތީ ކަމަށެވެ.
”2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އެކިއެކި ފިނޭންސް މިނިސްޓްރީން އެ މައުލޫމާތު ފޮނުވާފައިވޭ. އަޅުގަނޑުމެނަށް ފާހަގަވަނީ މި މައުލޫމާތާއި ފިނޭންސް މިނިސްޓްރީން 2019 ވަނަ އަހަރު ފޮނުވި އަދަދުތަކާ ފުށުއަރާ. އެހެންކަމުން ދައުލަތުގެ ދަރަނީގެ މިންވަރެއް ސާފެއް ނުވޭ.“ ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ފިނޭންސްއިން ފަހުން ފޮނުވި ލިއުމުގައިވާ ހަތަރު ލޯނެއްގެ މައުލޫމާތު ކުރިން މަޖިލީހަށް ލިބިފައި ނުވާކަމަށާއި އަދި ކުރިން މަޖިލީހަށް ލިބުނު ދެ ގެރެންޓީއެއްގެ މައުލޫމާތެއް ފަހުން ފިނޭންސް އިން ފޮނުވި ލިއުމުގައި ނެތް ކަން ވެސް ފާހަގަ ކުރެވޭކަމަށެވެ.
މަޖިލީހުގައި ނެތް ހަތަރު ލޯނުގެ މައުލޫމާތު
- ސިނަމާލެ ބްރިޖްގެ ޕްރޮޖެކްޓަށް އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާއިން ނެގި 455 މިލިއަން ޔުއާންގެ ލޯނު
- ސަނީ ސައިޑް ބޮންޑްއަށް ބޮންޑް ހޯލްޑާސްއިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނު
- ޕްރޮޖެކްޓް އިސްރަގާއަށް އަބޫދާބީ ބޭންކްއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު
- ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ސިލޯން ބޭންކް އިން ނެގި 16.1 ޑޮލަރުގެ ލޯނު
ފިނޭންސްގެ ސިޓީގައި ނެތް ގެރެންޓީތަކުގެ މައުލޫމާތު
- ހުޅުމާލޭގެ 5000 ހައުސިން ޔުނިޓްގެ މަޝްރޫއަކަށް އޮގްޒާކްއަށް ދޫކުރި 327.8 މިލިއަން ޑޮލަރުގެ ގެރެންޓީ
- ހުޅުމާލޭގެ 1000 ހައުސިން ޔުނިޓްގެ މަޝްރޫއަކަށް ޖީވިތް ނޭޗާ ލަންކާ އިންވަސްޓްމަންޓްއަށް ދޫކުރި 65.2 މިލިއަން ޑޮލަރު