ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް ގަލޮޅު ފަރުކަނި ޑޮކްޓަރ ޢާޞިމް އަޙްމަދު ޢައްޔަން ކުރައްވައިފިއެވެ. އެ މަގާމުގެ ފަތްކޮޅު ޑރ. އާސިމް އަށް އަރުވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެ އަތްޕުޅުންނެވެ. އަދި މި ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ޑރ.އަހްމަދު އާސިމް ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައެވެ. ޑރ. ޢާޞިމް އަޙްމަދު ވަނީ މީގެ ކުރިން މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމުވެސް ފުރުއްވާފައެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ޚިދުމަތް ވެސް ޑރ.އާސިމް އަހުމަދުވަނީ ދެއްވާފައެވެ.
ޑރ.އާސިމް ގެ ތަޢުލީމީ ފެންވަރަށް ބަލާއިރު އެބޭފުޅާއަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސްގެ އިތުރުން، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ