ކ.ކޮށްދިޕަރު ކައިރީގައި އޮތް ފިނޮޅަކަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ލޯންޗުގައި ތިބި އެންމެން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ލޯންޗުން 7 މީހުން ދަތުރުކުރިކަމަށާއި މި އެންމެންގެވެސް ހާލު ރަނގަޅުކަމަށެވެ. އަދި ލޯންޗު އަޑިއަށް ދާން ފެށުމުން އެއްބަޔަކު ފިނޮޅަށް ފޭބިކަމަށާއި އަނެއް ބަޔަކު ލޯންޗު ކައިރީގައި މަޑުކުރީކަމަށެވެ. އަދި ލޯންޗް އަޑިއަށް ދިޔައީ ދިޔަވެ ކޮންޓްރޯލް ނުވެގެންކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކަނޑުމަގުން ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް ކަމާއި ބޭހޭ ފަރާތްތަކުން މިދަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވަމުންނެވެ. އަދި ކަނޑުދަތުރު ކުރާ އުޅަނދުތަކުގައި ސަލާމަތީ ހާލަތްތަކުގައި ބޭނުންކުރެވޭނެ ލައިފް ޖެކެޓް އަދި އިމަޖެންސީ ހާލަތެއްގައި އެހެން އުޅަނދުތަކާއި ކޯސްޓް ގާޑާއި މުއާމަލާތްކުރެވޭނެ ފަދަ މުވާސާލަތީ ނިޒާމްތައް ގާއިމްކޮށްފައި ބެހެއްޓުމަށް ވެސް ކޯސްޓް ގާޑް އިން ވަނީ އިލްތިމާސްކޮށްފައެވެ.