ބިގް ބޮސް 13އިން ފެނިގެންދިޔަ އާސިމް ރިޔާޒް އާއި ހިމާންޝީ ކުނާރާގެ ”ދިލް ކޯ މެއިނޭ ދީ ކަސަންމް“ ގެ ވީޑިޔޯ ލަވަ ނެރެފިއެވެ.
ކަޝްމީރަށް އުފަން އާސިމް ރިޔާޒްގެ (27އ) މިލަވައަކީ ބިގް ބޮސްގެ ފަހުން ކުޅުނު ފަސްވަނަ ލަވައެވެ. އަދި ހިމާންޝީ ކުނާރާއި އެކީ ކުޅުނު ދެވަނަ ލަވައެވެ. ބިގް ބޮސްގެ ރަނައަޕް ހޯދި އާސިމް ރިޔާޒަކީ ޒުވާން އަނަހެން ކުދިންގެ ސަމާލުކަން ހޯދަމުންގެންދާ ޒުވާން ތަރިއެކެވެ.
އާސިމް ރިޔާޒް ބިގް ބޮސް ޝޯގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު އާސިމް ރިޔާޒަށް ސަޕޯރޓްކުރާ މީހުންވަނީ ޓްވިޓަރ ޓްރެންޑެއް ހަދައިގެން ދުނިޔޭގެ ރިކޯރޑެއްވެސް ހަދާފައެވެ. އެފަހަރު 24ގަނޑިއިރު ތެރޭ 14 މިލިޔަން ޓްވީޓް ކޮއްގެން ވަނީ ރިކޯރޑް ހަދައިފައެވެ.
އިއްޔެ ނެރުނު ލަވަވެސްވަނީ ރިކޯރޑެއް ހަދާފައެވެ. މިގޮތުން ނެރުނުތަނާ 2 ގަނޑިއިރުތެރޭ 6މިލިޔަން ވިއުސް ހޯދައިގެން އަލައް ފިލްމީ މަސައްކަތައް ކުރަމުންދާ ފަންނާނުންތެރެއިން އެއްމެގިނަ ވިޔުސް ލިބުނު ލަވައިގެ ރިކޯޑް ދެވަނަ ފަހަރަށްވެސް ލިބުނީ އާސިމް ރިޔާޒަ ށެވެ. މީގެ ކުރިން ޖެކްލީން ފެނާންޑީޒް އާއި އެކީ ކުޅުނު ލަވަ ”މެރޭ އަގްނޭ މޭ“ ވެސް ވަނީ ރިކޯރޑް ހަދާފައެވެ.
މިލަވައިން ފެނިގެންދާ ހިމާންޝީ ކުނާރާ އަކީ ޕަންޖާބް ފިލްމާއި ލަވަތަކުން ފެނި މަޝްހޫރުކަން ހޯދައިފައިވާ ފައްނާނެކެވެ. އާސިމް އާއި ހިމާންޝީ ދެމީހުން ބިގް ބޮސް ދުވަސް ވަރުން ފެށިގެން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.
”ދިލް ކޯ މެއިނޭ ދީ ކަސަންމް“ މިލަވަ ކިޔާފައިވަނީ އަރްޖީތް ސިންގް، ލަވައިގެ މިއުޒިކް ހަދައިފައިވަނީ އަމާލް މަލިކް، ލަވައިގެ ޑައިރެކްޝަން ހަދައިފައިވަނީ އަރްވިންދް ޚައިރު އެވެ. މިލަވަ ޕުރޮޑިއުސްކޮށް ނެރެފައިވަނީ ބުޝާން ކުމާރުގެ ”ޓީ ސީރީސް“އިންނެއެވެ.