އެމެރިކާގެ ކޯޓަކަށް ހާޒިރުވުމުގެ އަމުރެއް ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާންގެ މައްޗަށް ނެރެފިއެވެ.
ވަލީއަހްދު މުހައްމަދުގެ މައްޗަށް އެމެރިކާގެ ކޮލަމްބިއާގެ ޑިސްޓްރިކް ކޯޓުން އަމުރު ނެރުނީ، އޭނާއާއި ދެކޮޅަށް، ސައުދީ އަރަބިޔާގެ ކުރީގެ އިންޓަލިޖެންސްގައި އިސްކޮށް މަސައްކަށްކުރި ސާދު އަލް-ޖާބިރީ ހުށައެޅި މައްސަލައަކާއި ގުޅިގެންނެވެ. ސާދު އަލް-ޖާބިރީ ހުށައެޅި މައްސލައިގައި ބުނެފައިވަނީ، ވަލއަހްދު އޭނާ މަރާލުމަށް ކެނެޑާއަށް ބަޔަކު މީހުން ފޮނުވިކަމަށް ބުނެއެވެ.
މީގެ ކުރިންވެސް އެމެރިކާގެ އެކި ކޯޓުތަކަށް ގައުމުން ބޭރުގެ އެކި ފަންތީގައި މަސައްކަތް ކުރާމީހުން ގެނައުމަށް ވަނީ އަމުރު ނެރެފައެވެ. ނަމަވެސް ގިނަ މީހުންވަނީ އެމެރިކާގެ ސަރުކާރުގެ ޑިޕޮލޮމެޓިކް ހިމާޔަތް ހޯދައިގެން އެމެރިކާގެ ކޯޓުތަކަށް ހާޒިރުވުމުގެ އަމުރުތަކުން ސަލާމަތްވެފައެވެ. ވަލީއަހްދު މުހައްމަދަކީ އެމެރިކާގެ ސަރުކާރާއި އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެއް ކަމުން އެމަނިކުފާނު އެމެރިކާގެ ކޯޓައް ހާޒިރު ކުރުން މިއީ ނާދިރު ކަމެއް ކަމަށް ވަނީ އެގައުމުގެ ގާނޫނީ މާހިރުން ބުނެފައެވެ. ސަބަބަކަށް ބުނެފައިވަނީ ވަލީއަހްދަށް އެމެރިކާ ސަރުކާރުން ޑިޕްލޮމެޓިކް ހިމާޔަތް ދިނުމުގެ ފުރުސަތު އޮތުމުންކަމަށެވެ.
ވާލީއަހްދު ހިމެނޭ ގޮތަށް ސައުދީގެ 12 މީހަކު އެމެރިކާގެ ކޯޓަށް ހާޒިރުވުމުގެ އަމުރު ވަނީ ނެރެފައެވެ. ސާދު އަލް-ޖަބްރީ ބުނާ ގޮތުގައި އޭނާ އަށް ހަމަލާ ދިނުމަށް މުހައްމަދު ބޭނުންވި އެއް ސަބަބަކީ ވަލީއަހްދު މުހައްމަދުގެ ހަރަކާތްތަކުގެ މައުލޫމާތު އޭނާ އަށް ލިބެމުން ދިއުމެވެ.
އަދި އޭނާ އާއި އެމެރިކާގެ ޖާސޫސީ އިދާރާތަކާއި އެކު އޮންނަ ގުޅުމުގެ ސަބަބުން އެމައުލޫމާތުތައް ދުނިޔެއަށް ހާމަވެގެން ދިއުމުގެ ބިރު އޮތްކަމަށް މުހައްމަދު ވިސްނައިގެން ހުރިކަމަށް ވެސް ސާދު އަލް-ޖަބްރީ ބުނެއެވެ.