އައްޑޫ ސިޓީގައި ގާއިމުކުރާ ފަސް އިކޯ ޓޫރިޒަމް ޒޯން މަޝްރޫއުގެ ކޮންޓްރެކްޓް ހަވާލުކޮށްފިއެވެ.
ކޯ ޓޫރިޒަމް ޒޯން ތަރައްޤީ ކުރަނީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، ފޭދޫ އާއި ހުޅުދޫ މީގެ އިތުރުން މީދޫގައެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ މަޝްރޫއުގެ ކޮންޓްރެކްޓް ހަވާލުކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ޢަބްދުލް ގަފޫރާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި އައްޑޫ ސިޓީ ތަމްސީލުކުރައްވާ މަޖިލިސް މެބްބަރުންނާއި ފޮރިން މިނިސްޓްރީ ރައީސް އޮފީހުގެ އިތުރުން އިންޑިއާ ހައި ކޮމިޝަންގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އިންޑިއާ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ބޭނުމަކީ ކައުންސިލްތައް ބާރުވެރިކުރުވައި ޒިންމާދާރުކުރުމާއެކު ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި ރަށުގެ އިޤުތިޞާދު ކުރިއެރުވުން ކަމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާ ސަފީރު ސަންޖޭ ސުދީރު ހަމަކުރިއެވެ.
އިކޯ ޓޯރިޒަމް ޒޯން ގާއިމުކުރުމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ހައި ކޮމިޝަނާއި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެވުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އެ މަޝްރޫއުގެ އިމްޕްލިމެންޓިން އޭޖެންސީއަކީ އައްޑޫ ސިޓީ ކައުންސިލެވެ. އެގޮތުން ޓެންޑަރިން، ޓެންޑާ އިވޭލުއޭޝަން، ކޮންޓްރެކްޓް ހަވާލުކުރުން އަދި މަޝްރޫއު ހިންގަމުން އަންނަ ގޮތް ބަލައި މޮނިޓާ ކުރާނީ އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުންނެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖެއަށް ފޯރުކޮށްދެވިފައިވާ 85 މިލިއަން ރުފިޔާގެ އެހީގެ ދަށުންނެވެ. ގްރާންޓްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ މިފަދަ 9 ހައި-އިމްޕެކްޓް މަޝްރޫއުތައް ކުރިއަށް އެބަދެއެވެ.