ރާޔާގެ އިންތިޒާރުގެ ވަގުތައް ނިމުންއައީއެވެ. ކޮންމެ ކަމަކަށް ވެސް ނިމުން ވާނެ ފަދައިންނެވެ. ރާޔާއަށް ސާއިދުގެ ލޯބި ލިބުނީއެވެ. ނަމަ ވެސް އާއިލާގެ ނުގަބޫލުގައެވެ. ރާޔާގެ ހަމައިގައި ސާއިދުއަކީ ރަންގަޑެކެވެ. އާއެކެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެތާއެވެ.
ރާޔާއާއި ސާއިދުގެ ކައިވެންޏަށް އަހަރެއް ފުރުން ތަނާހެން ރާޔާއަށް މަންމަ ކިޔައިފިއެވެ. އަދި ސާއިދު ބައްޕައަކަށް ވިއެވެ. މިހާ ހިސާބުން ސާއިދުގެ ހިތް އެނބުރޭ ވަހުތާނެއްހެން އެނބުރެން ފަށައިފިއެވެ. ގޭގައި ހޭދަކުރާ ވަގުތު ވެސް މަދުވާން ފެށިއެވެ. ރާޔާ ނަސޭހަތްތެރި ވީއެވެ. އެކަމަކު ރާޔާގެ ނަސޭޙަތްތައް ވީ ފޫނެތްފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. ސާއިދުގެ ރަޙްމަތްތެރިންނާއެކު އެތަންމިތާނުގައި ދުވަންފަށައިފިއެވެ. ސާއިދުގެ ރަޙްމަތްތެރިންގެ ސަބަބުން ސާއިދު ވަނީ މުޅިން ހަލާކު ވެފައެވެ. އަހިވަކާ ޖެހި އަހިވަކެއް ފާވާނެ ފަދައިންނެވެ.
ރާޔާއަށް ކުރެވޭނެ ކަމެއް ނެތެވެ. ސާއިދު ދެކޭ ގޮތުގައި ސާއިދުއަކީ ހުރިހާއެއްޗެއް ދަންނަ މީހެކެވެ. ފުރިފާ ހުރި އެއްޗެއް ގުޑުގުޑެއް ނާޅަނެތާއެވެ. ފަހަކަށް އައިސް ރާޔާ ބޭރަށް ނުކުތަސް ގޮތްނޭނގޭ މީހުންތަކާއި ޖެހެންދެން ރާޔާއަށް ވަށިވަށި ދޭން ފަށައިފިއެވެ.
ރާޔާގެ ރަޙްމަތްތެރިން ބުނެއެވެ. އެކުވެރިޔާއެވެ. ސާއިދުގެ އުޅުން ނުހުއްޓޭނެއެވެ. ކިތަންމެވަރަށް ދޮންކުރިޔަސް ދޮން ދުނބުރިއެއް އަނބަކަށް ނުވާނެއެވެ. އަދި ބުނުންޏެވެ. ސާއިދުއާއި މެދު ފިކުރު ކޮށްކޮށް ދެ ދޫނި ދުނިޔެ އަޅާ ދިޔަހެން ދުނިޔެ އަޅާ ދިއުމަށް ނަމަނަމަ ނުވިސްނާށެވެ. އަޑިދަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ. ފިރެހެނަކު އިސްލާހުވާނީ ކުޅަނދުރު މާބުރަށް އަދި ހެނދުނު ހަވީރަށް ބަދަލުވީ ދުވަހަކުންނެވެ. ސާއިދުމެން ކަހަލަ ފިރެހެނުންގެ ފޮނި ވާހަކަތައް ހަމަ ވާނީ ރުކަށް އެރި މީހާގެ ނަދުރަށެވެ.
ނަމަވެސް ރާޔާ ކެތްކޮށްލައިގެން ހުންނަނީއެވެ. އެކަމަކު ދެން ޖަހާ ލަކި މާ ވަރުގަދަ ވާނެއެވެ. މިހާރު ސާއިދު އަޅައިގަނެގެން އުޅެނީ ނާސާގައިވާ ރަސްރަންޏަކާއެވެ. އަދި ސަދޫއަކީ އަބާރަނަ އަޅައިގެން އުޅޭ ގިއުޅު އަތުކުރިއެއްގެ ވެރި ހަންހެން ކުއްޖެކެވެ.
އިރު އޮއްސުމާ ގަތްވެފައި ވާ ވަގުތެކެވެ. ރާޔާ އިނީ އެނާގެ ދަރިފުޅު ސައްފާން އުރައިގެ އުނދޯލީ ހެއްލާށެވެ. ކުއްލިޔަކަށް ޕަކަ ޕަކަސް އަޑާއި އެކު ގޭގެ ދޮރާށި ހުޅުވިއްޖެއެވެ. އެއާއި އެކު ގޯތި ތެރެއަށް ވަދެގެން އަންނާތީ ފެނުނީ ސާއިދުއާއި އިތުރު އަންހެނެކެވެ. ރާޔާއަށް އެއީ ސާއިދު ހިތާވެގެން އުޅޭ ކުއްޖާކަން ޔަގީންވިއެވެ.
އެވަގުތު ރާޔާއަށް ހީވީ ދެކަފި ވެފައިވާ މަގެއްގެ މެދަށް ހުއްޓެވުނުހެނެވެ. ރާޔާ ދަރިފުޅު ސައްފާން ކޮނޑު މައްޗަށް ލުމަށްފަހު ސާއިދުގެ ބައިވެރިޔާ ދިމާލަށް ބުނެލިއެވެ. މިނޫނީ އިށިންނާނެ ގާގަނޑެއްވެސް ނުލިބިން ދޯ؟ އެކަމަކު ތީ އުދުއްސައި ގަނެވުނީ ރަނގަޅު ދިމާލަކަށް ނޫން. ތިހެން އުޅޭ މީހުންނަށް ލިބޭނީ ފެންކައްކާ ބޮލީގެ ޢިއްޒަތް. ހަކުރު ދޭތީ ބޮޑުބޭބެ ފެނުނީ ހެއްޔެ؟ ރާޔާ ބުންޏެވެ. ރަނގަޅު ވާހަކައެއް ބުނަންހެއްޔެ؟ މިހާރު ހަރު ކޮންނަން ތި ގަސްތުކުރީ ތިމާގެ ފެންވަރަކުން ނޫނެވެ. އެއަށް ވުރެ މާ ދަށް ފެންވަރަކުންނެވެ.
ބަތްތަށީގެ އެއްފަޅިން ކާންކަސް ބޭނުމެއް ނޫން. ހަމަ އެވަގުތު ރާޔާ ސާއިދުއާ ދިމަލަށް ބުންޏެވެ. މުދުގައިވާ ކޮންމެ މަހަކަށް ގަލެއްވާ ފަދައިން ރާޔާއަށް ވެސް ސާއިދު މޫނަސް އަދި ފިރެހެނަކު ވެދާނެ ކަމަށެވެ. ވީމާ އަވަހަށް ނަގިލި ކަނޑާލަ ދިނުމަށް އެދުނެވެ.
ސާއިދު ރާޔާގެ ދޫކޮށްލިއެވެ. ރާޔާ ގެއަށް ބަދަލުވިއެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ރާޔާ ފަހަތުން ސާއިދު އަނެއްކާ ވެސް އަޅުވާލައިފިއެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަނިހެނެވެ. ތުނޑު ހަސަނާއި ޖެހުނު މީދާ ހެނެވެ. ރާޔާ ބުންޏެވެ. އެއްފުޅަށް މަތިން ފުއްމާލި ބަކަރި އަނެއްފުޅައް މަތިން ވެސް ފުއްމާލާނެއެވެ. އަހަރެން ވާ ސަލާމެވެ.
-ނިމުނީ-