ފުރަތަމަ ބައި
މަންމައަކާ ބައްޕައެއްގެ ލޯބި ލިބިގެން ބޮޑުވާނީ ހާދަހާވާ ނަސީބުވެރި ކުދިންނެވެ. އެ ދެ މީހުންގެ އަޅާލުމާ ފިރުމުން އަދި އޯގާތެރިކަމާ އެހީތެރިކަން ލިބުމަކީ މިދުނިޔެއިން އިންސާނަކަށް ލިބޭނެ އެންމެ އަގުބޮޑު އެއް ތަރިކައެވެ. ހަމަގައިމު ވެސް މި މަތިވެރި ނަސީބު ލިބިގެން ބޮޑުވާ ކުދިންގެ ތެރެއަކު އަހަންނެއް ނުހިމެނުނެވެ. އަހަރެންގެ އުމުރުން ދާދި ކުޑައިރު އަހަރެންގެ މަންމަ އަހަންނާ ވަކިވެގެން ދިޔައީ ބައްޕަގެ ހުރި ފަރުވާ ކުޑަކަމުންނޭ މީހުން ބުނާތީ މިހާރު އަޑުއިވެއެވެ. އޭރު މަންމައާ މެދު ކަންތައް ހިނގި އެއްވެސް ގޮތެއް އަހަރެންގެ ހަނދާނަކަށް ނާދެއެވެ. ހަނދާން ހުންނަނީ ކޮންމެ ވެސް ކަމަކާ މަންމަ ރޮއެ އުޅުނު ހަނދާނެވެ. ކީއްވެގެން ކޮން ސަބަބަކާ ހެދި ކަމެއް އަހަރެންގެ ޅަ ސިކުނޑިއަކަށް ނަގައެއް ނުގެނެވެއެވެ.
ކޮންމެ ސަބަބަކާ ހެދި ނަމަވެސް މަންމަ މިދުނިޔޭގައި ނެތުން އެއީ އަހަރެންގެ ބަދުނަސީބެވެ. އަދި ބައްޕަގެ އަޅާލުން އަހަންނަށް ނުލިބުނީ އަހަރެންގެ މަންމަގެ ދަރިއަކަށް އަހަރެން ވީތީބާވައޭ މިހާރު އަހަރެންގެ ހިތަށް އަރައެވެ.
އަހަންނާ އެއްބަފާ ތިން ބެއިން ތިބެއެވެ. މުޅިންވެސް ފިރިހެން ކުދިންނެވެ. އެހެންކަމުން ބައްޕައަށް ބައްޕަ ކިޔާފަ ގޮވާލަން ލިބުނު ހަމަ އެކަނި އަންހެން ދަރިއަކީ ވެސް އަހަންނެވެ. މިކަން މިހެން އޮތަސް ބައްޕައަށްވުރެ ދޮންމަންމަ ވެސް އަހަރެން ދެކެ ލޯބިވެއެވެ. އަދި އަހަރެންގެ އެއްބަފާ ކޮއްކޮމެން ވެސް މެއެވެ. ފަހަރެއްގައި އެއީ އަހަރެންގެ ކިޔަމަންތެރިކަމާ ތޫނުފިލި ކަމާ ބުރުސޫރަ ރިވެތި ކަމުން ފަހުން ލިބިދާނެ މޮޅަކަށްޓަކައި ކަމަށް ވެސް ވެދާނެއެވެ. ނުވަތަ އަހަރެންގެ ފަރާތުން ދޮންމަންމައަށާ އެއްބަފާ ކުދިންނަށް ލިބޭ ފަސޭއިން ކަމަށް ވެސް ވެދާނެއެވެ. ނުވަތަ މަންމަގެ އާއިލާގެ މީހުންގެ ފަރާތުން ލިބޭ ފައިސާގެ އެހީތެރިކަމާ ތަކެއްޗަށްޓަކައި ކަމަށް ވެސް ވެދާނެއެވެ.
އަހަރެންގެ މަންމާއާ އެއްބަޑު އެއްބަފާ 4 ބެއިން ތިބެއެވެ. އެންމެންނަކީ ވެސް ކިޔަވައިގެން ތިބި ތަނަވަސް މީހުންނެވެ. އެމީހުންގެ ދިރިއުޅުމުގެ އަވަދި ނެތް ވަރުންނާއި ވެސް އެކު އަހަރެން ބައްޕަގާތު ބެހެއްޓީ ބައްޕަގެ ލޯބި ލިބިގެން ބޮޑުވާ ކުއްޖަކަށް ހެދުމަށްޓަކައި ކަމަށް ވެދާނެއެވެ. ނުވަތަ މަންމަ މަރުވި ދުވަހު ބައްޕައާ އަހަރެން ވަކި ނުކުރުމަށް އެދި މަންމަ އާދޭސް ކުރުމުގެ ސަބަބުން ކަމަށް ވެދާނެއޭ ވެސް އަހަރެންގެ ހިތަށް އަރައެވެ. މަންމަ ނެތުމުން ބައްޕަ އަހަންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރާނެހެން މަންމަ އަށް ހީވާތީ އެ ގޮތަށް އެދުނީ ކަމަށްވެސް ވެދާނެއެވެ.
ބައްޕަ ގާތު އަހަރެން ހުރުމުން ކާފަގެ ވިޔަފާރިން މަންމައަށް ލިބެންވާ ބައި ބަރާބަރަށް ކާފަ އަހަންނަށް ފޮނުވައެވެ. މީގެ އިތުރުން އަހަންނަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް އަހަރެންގެ ގެއަށް ގެނެސްދެއެވެ.
އަހަރެންގެ ބޮޑުބޭބެއިންނާ ބޮޑު ދައިތައަށް ނޭނގޭ ކިތަންމެ ކަމެއް އޮތެވެ. އެމީހުން ހީކޮށްގެން ނުވަތަ ޔަގީންކޮށްގެން އެތިބަ އެއްވެސް ކަމަކީ ހަގީގަތެއް ނޫންކަމެވެ. އަހަރެންގެ ބައްޕަގެ ލޯތްބާ ކުލުނުން ކުނޑިފުކެއްގެ މިންވަރު ވެސް އަހަންނަށް ނުލިބޭކަމެވެ. އަހަރެންގެ ގޭގައި އަހަރެން އުޅެނީ ނޯކީރީ ކޮށްދީގެންކަމެވެ. ލޯބިން ބަލާލާ، ފިރުމާލާ ހަދާލުމުގެ ބަދަލުގައި ބައްޕަ ދުވަހަކު ވެސް ހިތް ހެޔޮކަމާއެކު އަހަންނާ އަނގައިން ނުބުނާކަމެވެ. ބޮޑުދައިތަމެންނަށް ފެންނަން އޮތީ އަހަރެން ހޯދާ ރަނގަޅު ނަތީޖާއެވެ. މުބާރާތްތަކުން ގެންނަ ޓްރޮފީތަކާ ސެޓްފިކެޓްތަކެވެ. ފަތިހު ފަތިހާ ތެދުވެ ގޭގެ ހުރިހާ މަސައްކަތެއް ނިންމާކަމެއް އެނގޭކަށް ނޯންނާނެއެވެ. ކިޔެވުމަށް އަހަރެން މަސައްކަތް ކުރަނީ ކިހާ ބުރަކޮށްކަން ބޮޑުދައިތައަށާ ކާފައަށް އެނގޭކަށް އަހަރެން ބޭނުމެއް ވެސް ނޫނެވެ.
އެހެންވިޔަސް އަހަރެންގެ ޝަކުވާއެއް ނެތެވެ. މިހެން އުޅުމުން ދިރިއުޅުމުގެ ހަޤީޤީ މަގުސަދު އަހަންނަށް ވިސްނެއެވެ. ކަންތައްތައް ދަސްވެއެވެ. މިހެން އުޅެންޖެހުމުން ގިނަ ތަޖުރިބާތަކެއް ލިބެއެވެ. ބުރަ ދިރިއުޅުމަކަށް ވިޔަސް އަހަރެންނަށް މި ދިރިއުޅުން ކަމުދެއެވެ. އެއްވެސް ބަޔަކަށް އުދަނގޫ ނުކޮށް އަހަރެންގެ ދުނިޔޭގައި އަހަންނަށް އުޅެވޭތީއެވެ.
ދޮންމަންމަ ދުވަހަކުވެސް އަހަރެންގެ ގަޔަކު ނުޖަހައެވެ. ތަޅާ އަނިޔާއެއް ނުކުރެއެވެ. ކާން ނުދީއެއް ވެސް ނުބަހައްޓައެވެ. ކޮއްކޮމެނާ އެއްފެންވަރެއްގެ ކޮޓަރިއެއްގައި އަހަރެން ނިންދަވައެވެ. ކިތަންމެ މަސައްކަތެއް ކުރުވިޔަސް އެއްޗިއްސެއް ނުގޮވައެވެ. ހިތްހަމަ ނުޖެހިއްޖެއްޔާ އަނގައިން ނުބުނެ ހުރެއެވެ. އެހެންވިޔަސް ދޮންމަންމަ ދެކެ އަހަރެން ލޯބިވެއެވެ. އެންމެ ލޯބިވަނީ އަހަރެންގެ ސްކޫލް ކަންތަކުގައި ބަރާބަރަށް ދޭންޖެހޭ އެއްބާރުލުން ދޮންމަންމަ ދޭތީއެވެ. ޔަގީނުންވެސް ބައްޕައަށް ދިހަ މާކްސް އަހަރެން ދެންޏާ ދޮންމަންމައަށް ނުވަދިހަ ފަސް މާކުސް އަހަރެން ދޭނަމެވެ.
އޯލެވެލްގެ ގަދަ ދިހަވަނާގައި އަހަރެން ހިމެނުމުން އަހަރެން ގަސްދުކުރީ އޭލެވެލަށް ކިޔެވުމުގެ ބަދަލުގައި ޝައުގުހުރި ދާއިރާއިން ކޯހެއް ހަދައި ވަޒީފާއަކަށް ދިއުމަށެވެ. އެއީ ވީހައި ވެސް އަވަހަކަށް އަމިއްލަ ދެފައިމައްޗަށް ތެދުވުމަށެވެ. އެހެންކަމުން މި ޚިޔާލު ދޮންމަންމައާ ޙިއްސާކޮށްފީމެވެ. އަދި ދޮންމަންމަގެ ވިސްނުން ވެސް ހުރީ މިއާ ދާދި އެއްގޮތަކަށް ކަމަށްވުމުން ބައްޕަ ގާތު ދޮންމަންމަ މިވާހަކަ ބުންޏެވެ. އެހެންނަމަވެސް ދިމާވީ ހީވެސް ނުކުރާކަހަލަ މައްސަލައެކެވެ. ކޯހަށް ދައްކަން ޖެހޭ ފީ ދައްކާނެ ފައިސާގެ މައްސަލައެވެ. އަހަންނަކީ އަށާރަ ނުފުރޭ ކުއްޖަކަށް ވާތީ ކާފަގެ ވިޔަފާރިން އަހަންނަށް ލިބޭ ބައި ކާފަ ޖަމާ ކޮށްދެމުން ދިޔައީ ބައްޕަގެ އެކައުންޓަށެވެ. އެއީ އަހަންނަށް ނޭނގި އޮތްކަމެކެވެ. އަހަރެންގެ ޅަ ސިކުނޑިއަށް އެފަދަ ކަންކަން ވިސްނަން ބޭނުން ބޭނުން ނުވެ ހުރުން އެއީ އަހަރެންގެ އުމުރުގެ ހަނގުކަމެވެ.
ކާފަގެ ފަރާތުން އަހަންނަށް ދެމުންދާ ފައިސާ ބައްޕަ ބޭނުންކޮށް ހުސްކޮށްލާކަން މި އެނގުނީ މިހިސާބުންނެވެ. ދިރިއުޅުމަށްޓަކައި ބައްޕަ ކުރާ މަސައްކަތަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭ ކަމަކީ ބައްޕަ ވަޒީފާ އަދާކުރަނީ ރިސޯޓެއްގައިކަމެވެ.
އަހަރެންގެ މަންމަގެ ފަރާތުން އަހަންނަށް ދެމުން އައި އެއްޗެއް އަހަރެންގެ ހުއްދައަކާ ނުލައި، އަދި ބުނެ ވެސް ނުލާ ބައްޕަ ބޭނުން ކުރީތީ ހިތުގައި އިހުނަށްވުރެ ޝަކުވާ ގިނަވެގެން އައެވެ. އެހެންނަމަވެސް ބައްޕަގެ ކުރިމަތީ އެއްވެސް އެއްޗެއް ބުނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަދި މިކަން މަންމަގެ އާއިލާގެ އެއްވެސް މީހަކަށް އަންގާކަށް ވެސް ބޭނުމެއް ނުވިއެވެ. ސަބަބަކީ އަހަރެންގެ މިޒާޖެވެ. އެއްވެސް މީހަކާމެދު ޝަކުވާކޮށް ހެދުމަކީ އަހަރެން ކޮށްއުޅޭ ހިތްވާކަމަކަށް ނުވާތީއެވެ.
ދޮންމަންމަގެ އެހީތެރިކަމާއެކު ދޮންމަންމަގެ ރައްޓެއްސެއްގެ ފިހާރައަކަށް ވަޒީފާއަށް އަހަރެން ދާން ފެށީމެވެ. ދުވާލަކު ހަގަޑިއިރު ފިހާރާގައި ކޭޝިއަރެއްގެ ވަޒީފާ އަދާކުރަމުން ގޭގެ ބައެއް މަސައްކަތްތައް ކުރަން އަހަންނަށް ވަގުތު ލިބެއެވެ. ކުރިން ވެސް އުޅުނީ ހުސްވަގުތު މަދު ދިރިއުޅުމެއްކަމުން ގޭގެ މަސައްކަތް ކުރަމުން ފިހާރައަށް ދަމުން ރޭގަނޑު ކޯހުގެ މަސައްކަތް ކުރުން އަހަންނަކަށް އުދަނގޫ ކަމަކަށް ނުވިއެވެ.
ޓީޗިންގެ ޑިޕްލޮމާ ނިންމުމަށްފަހު ދެން އަހަރެން އެނބުރުނީ ޑިގްރީއަކާ ދިމާއަށެވެ.
އުމުރުން ވިހި އަހަރުވިޔަސް އަހަންނަކީ ދުވަހަކުވެސް މީހަކާ ރައްޓެހިވުމުގެ ވިސްނުން ގެންގުޅުނު މީހެއްނޫނެވެ. ފޯނާވަކިން ނޭވާލާން މީހުންނަށް އުނދަގޫ މިދުވަސްވަރު އަހަރެން ގެންގުޅެނީ ވަރަށް އާދައިގެ ފޯނެކެވެ. ބޮޑުދައިތަ ފެންވަރު ރަނގަޅު ފޯނެއް ގަނެދޭން ބުނީމައި ވެސް އަހަރެން އެކަމާ އިންކާރު ކުރީ އެ ފެންވަރުގެ ފޯނެއްގެ ބޭނުން އަހަންނަށް ޖެހުނު ދުވަހަކުން ގަނެދޭން ބުނާނެ ވާހަކަ ބުނަމުންނެވެ. އިސްވެ ފޯނުކުރާ ބަޔަކަށް ތިބޭނީ މަންމަގެ އާއިލާގެ މީހުންނެވެ. ދެން އަހަރެންގެ ރައްޓެހި ދެތިން ކުއްޖެއްގެ މަދު ފަހަރެއްގެ މަދު ކޯލެކެވެ. އެހެންކަމުން ފޯނަކީ އަހަންނާ ވަރަށް ބީރައްޓެހި އެއްޗެކެވެ.
ޓީޗިންގެ ޑިގްރީ ނިމުމުން އަހަރެން އިޚުތިޔާރު ކުރީ ވަޒިފާ އަދާކުރުމަށް އަތޮޅުތެރޭގެ ރަށެކެވެ. ވަޒީފާގެ ހުރިހ ކަމެއް ހަމަ ޖެހުމުން ފުރާ ވާހަކަ އަހަރެން ދޮންމަންމަ ގާތު ބުނީ ފުރަން އޮތްދުވަހުގެ ކުރީ ރެއެވެ. ފުރަތަމަ ދޮންމަންމަ އިނީ ހިމޭނުންނެވެ. އަހަރެން ހީކުރީ ދޮންމަންމަ އަހަރެންދެކެ ވަރަށް ރުޅިއަންނާނެ ކަމަށެވެ. އެހެންނަމަވެސް ހުސް ވަގުތުކޮޅަކަށްފަހު އެހީ އަހަރެންދަނީ ކިތައް އަހަރަށް ތޯއެވެ. ދެ އަހަރަށޭ ބުނީމާ އެއް އަހަރަށް ބަދަލު ނުކުރެވޭނެތޯ އެހިއެވެ. އަހަރެން ބުނީ ވިސްނާނެކަމަށެވެ. އަދި ވިސްނާލަން އިރުކޮޅަކު ހުރުމަށްފަހު ދޮންމަންމަމެނަށް ފައިސާ ފޮނުވާނެ ވާހަކަ ބުނީމެވެ. ދޮންމަންމަ ބޯޖަހާލީ އާއެކޭ ބުނާފަދައަކުންނެވެ. އެކަމަކު ފައިސާ ފޮނުވާނެ ވާހަކަ އަހަރެން ބުނުމަކުން ދޮންމަންމަގެ މޫނުމައްޗަކުން އުފާވި ކަމުގެ އެއްވެސް ނިޝާނެއް އަހަންނަކަށް ނުފެނުނެވެ.
ފުރައިގެން އަހަރެން ދިޔައިރު އެ ވާހަކަ ބައްޕަ ގާތަކު ނުބުނަމެވެ. ބުނުމުގެ ބޭނުމެއް އަހަންނަށް ނުވިސްނުނީއެވެ. ދޮންމަންމަ ބުނާނެތާއެވެ.
އަށްސަތޭކައެއްހާ މީހުން ދިރިއުޅޭ ރާއްޖޭގެ އުތުރުގެ އެރަށުގައި އަހަރެން އުޅުނީ ހަމަ ޖެހިގެންނެވެ. ރަށުގެ މީހުންނަކީ ތަޢުލީމަށް އިސްކަންދޭ އެދުރުންނަށް އިޙުތިރާމު ކުރާ ހިތްހެޔޮ ބަޔަކު އުޅޭރަށެކެވެ. އެއީ އަހަރެން ބޭނުން ވެސް ވި ގޮތެވެ. އެރަށަށް ގޮސް ފުރަތަމަ ކޮޅު އަހަރެން އުޅުނީ ސްކޫލުން ހޯދައިދިން ގެއެއްގައެވެ. ސިޓިންގރޫމަކާ ދެ ކޮޓަރިއާއެކު ކެއްކޭނެ ގޮތަށް ހަދާފައިވާ އެގޭގައި އިތުރު ބަޔަކު ނޫޅެއެވެ. އެހެންކަމުން މަހެއްހާ ދުވަހު އެގޭގައި އުޅުމަށްފަހު ރައްޓެހި ޓީޗަރެއްގެ އެހީގައި އެހެން ގެއަކަށް އަހަރެން ބަދަލު ވީމެވެ. އެކަނި އުޅެން އުދަނގުލީއެވެ. އަހަރެން ބޭނުންވީ ޢާއިލާއެއްގެ ތެރޭ އުޅުމަށެވެ. ބައްޔެއް ކަމެއްވިޔަސް އެހެން ބައެއްގެ ތެރޭ އުޅުމުން ރައްކާތެރިކަން އިޙުސާސްވާނެތީއެވެ.
އަހަރެން ބަދަލުވި އެ ގޭގައި އަހަރެން އެ އަހަރު ކިޔަވައިދެމުންދިޔަ ގްރޭޑްގެ ދަރިވަރަކު ވެސް އުޅެއެވެ. އޭގެ އިތުރުން ދެން އެގޭގައި އުޅެނީ އެ ދަރިވަރުގެ ބަލިކޮށްއުޅޭ މަންމަ އާއި އޭނަގެ ބައްޕައާއި އޭނަގެ ކުޑަ ދެ ކޮއްކޮއިންނެވެ. އަހަރެން އެގެއަށް ބަދަލުވިއިރު ވެސް އެގޭގެ ދެމަފިރިންވީ ރަށުން ބޭރުގައެވެ. އެހެންނަމަވެސް އެދެމަފިރިންނަކީ އެންމެން ވެސް ގަދަރުކުރާ ރަނގަޅު ދެމަފިރިންނަށް ވުމުން އަހަރެން އެގެއަށް ބަދަލުވީއެވެ.
ސްކޫލަކީ އަހަރެންގެ ގެ ކަމަށްބަލައިގެން ދަރިވަރުންނަކީ އަމިއްލަ ދަރިން ކަމުގައި ދެކިގެން ސްކޫލް މަސައްކަތަކީ އަހަރެންގެ ހިތްހަމަޖެހުން ކަމަށް ދެކިގެން ކުރަން ފެށި މަސައްކަތުން ސްކޫލްގެ ވެރިންނާ ޓީޗަރުންނާ ދަރިވަރުންނާ ބެލެނިވެރިންގެ ގާތްކަމާ ހިތްހެޔޮކަން އަހަންނަށް އޮހެމުން ދިޔައެވެ. މި ސަބަބަށްޓަކައި އަހަރެން ހުންނަނީ އުފަލުން ފޮޅިފައެވެ.
ސްކޫލްގައި އުޅޭ މަދު ފިރިހެނުންގެ ތެރެއިން ރައްޔާން އަކީ ސެކަންޑްރީއަށް ކިޔައިވައިދޭން ދާ ހަމައެކަނި ފިރިހެން ޓީޗަރެވެ. ދެންތިބީ މުޅިން ވެސް އަންހެން ޓީޗަރުންނެވެ. ރައްޔާންއަކީ ވެސް އަހަރެން ގޮތަށް އެހެން ރަށަކުން އައިސް އެ ސްކޫލްގައި މަސައްކަތް ކުރާ ޓީޗަރެކެވެ. މަސައްކަތަށް ކަމޭހިތާ އަޚުލާގު ރަނގަޅު ޓީޗަރެކެވެ. މީގެ އިތުރުން ރައްޔާންއަކީ މަޖާ މިޒާޖެއްގެ މީހެކެވެ. އަންހެންކުދިންގެ ހިތް ކަތިލާލާ ކަހަލަ ފިރިހެންވަންތަ އެތައް ސިފައެއް ރައްޔާންގެ ފަރާތުން ފާހަގަވާތީ އަންހެން ކުދިން ތިބެނީ ރައްޔާން އާހެދި މޮޔަވެފައެވެ. ( ނުނިމޭ )