ށ. ކޮމަންޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 73 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހަމަކޮށްފިއެވެ.
ކޮމަންޑު ބަނދަރުގެ މަޝްރޫއުގެ ތެރެއިން އެއްގަމުތޮށީގެ ގައު އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މި ވަގުތު ކުރިއަށް ދަނީ އެއްގަމުތޮށީގެ ކެޕިން ބީމް ޖެހުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން 35،348 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމާއި 14،731 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. އަދި 12 މީޓަރުގެ ބޭރު ތޮށި ޖެހުމާއި 20 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 190 މީޓަރުގެ އެއްގަމު ތޮށިޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މީ މަސައްކަތުގެ ތެރެއިން ޕޭވްމަންޓާއި ބަނދަރު ބައްތި އާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ވަނީ ހިމެނާފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވާއިރު މި ޕޮރޯޖެކްޓަށް 29.41 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.