ކ.ކާށިދޫ އަދި ގާފަރުގެ ސިއްހީ ނިޒާމު ހަރުދަނާ ކޮށް އިންސާނުން ބޭނުން ކުރާވަރުގެ ތަނަކަށް އެތާގެ ސިއްހީ އިދާރާތައް ހައްދަވާނީ ކޮންއިރަކުތޯ ވިދާޅުވެ، ކ.ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރާއްޖޭގެ ސިއްހީ ނިޒާމާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހެލްތު މިނިސްޓަރު އަމީން އާއި ސުވާލު ކުރައްވަމުން ޖާބިރު ވިދާޅުވީ، ކ.ކާށިދޫ އަދި ގާފަރުގައި ހުރި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން އިންސާނުންނަށް އެކަށީގެންވާ ވަރުގެ ފަރުވާއެއް ދެވޭނީ ކޮންއިރަކުން ތޯ އަދި އެތަންތަން އަޕްގްރޭޑް ކުރާނީ ކޮންއިރަކުތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.
”ކާށިދޫ އާއި ގާފަރުގައި އިންސާނުން ދިރިއުޅޭ ފެނަވަރުގައި ސިއްހީ ހިދުމަތެއް ފޯރުކޮށްދެވޭނީ ކޮން ދުވަހެއްގަތޯ؟ އިންސާނުނަނަށް! މާމައަކީ ޖަނަވާރުންނެއް ނޫން! އިންސާނުން އުޅޭ ފެންވަރަށް އެތަން އަޕްގްރޭޑް ކޮށްދެވޭނީ ކޮން ދުވަހަކުންތޯ؟“ ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ސަރުކާރުގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކާށިދޫ ދާއިރާގެ ސިއްހީ ހިދުމަތްވެސް ރާއްޖޭގައި ކަނޑައެޅިފައިވާ ހުރިހާ އުސޫލެއްގެ ތެރެއިން އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން ދާކަމަށާއި، އަދި ޖާބިރުގެ ދާއިރާގެ ސިއްހީ ހިދުމަތް ކުރިއެރުވުމަށް ޖާބިރު ގެންގުޅުއްވާ ދުރު ވިސްނުން ފުޅަށް މަރުހަބާ ދަންނަވާ ޝުކުރު އަދާކުރައްވާ ކަމަށެވެ.