ކޯވިޑް 19 ގެ ބަލީގައި ދުނިޔެ ދޫކުރި މީހެއްގެ ޖަނާޒާ ކުރިއަށް ދިޔަ ވަގުތު ނިޔާވި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމަށް ގުޅުމުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން މާފަށް އެދިއްޖެއެވެ.
އިއްޔެގެ ވަގުތެއްގައި ކޯވިޑް 19 ޖެހިގެން ނިޔާވި މީހާގެ ޖަނާޒާ ކުރިއަށް ދިޔަ ވަގުތު އެމީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް ގުޅުމާއި އެކު، ނިޔާވި ފަރާތުގެ އާއިލާ މީހަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށް ޓުއިޓާގައި އެވާހަކަ ހިއްސާ ކޮށްފައެވެ. މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއީސީގެ ތަރުޖަމާން، ޑރ.ނަޒްލާ ވިދާޅުވީ ޖަނާޒާ ކުރިއަށް ދިޔަ ވަގުތު އެމީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް ގުޅުނީތީ ނިޔާވި ފަރާތުގެ އާއިލާގެ ކިބައިން ނިހާޔަތަށް މާފަށް އެދޭކަމަށެވެ.
ޑރ.ނަޒްލާ އިތުރަށް ވިދާޅުވީ ނިޔާވި ފަރާތް އައިސޮލޭޝަނަށް ގެންދިއުމަށް ގުޅުނީ އެމީހާއަކީ އޭގެ ކުރީ ދުވަހު އައިޖީއެމް ހޮސްޕިޓަލްގައި، ބަލި ޖެހިގެން ފަރުވާ ދެމުން ދިޔަ މީހަކަށް ވުމުން ކަމަށާއި، ނިޔާވި މީހާ ނިޔާވި ކަން އެޗްޕީއޭއަށް އެނގިފައި ނުވާތީކަމަށެވެ. އެކަން އެގޮތަށް ދިމާވުމުން ސިސްޓަމް އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި މީގެ ކުރިންވެސް ނިޔާވާ މީހާ ކަފުންކޮށް ވަޅުލާ ނިމޭފަހުން، އެމީހާ އަކީ ކޯވިޑް 19 އަށް ފައްސިވެފައިވާ މީހެއްކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އާއްމު ގިނަ ރައްޔިތުންގެ ފާޑުކިޔުން ދަނީ އެޗްޕީއޭ، އަދި ހެލްތު މިނިސްޓްރީއަށް އަމާޒުވެފައެވެ.