ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހަލުވި ކަމާއި އެކު ކޯވިޑް 19 ގެ ނުރައްކާތެރި މިހާލަތުގައި، ރާއްޖޭގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެމަނިކުފާނުގެ މަގާމުގެ މައްސޫލިޔަތު ތަކުން އެކަހެރި ކުރުމަކީ ރާއްޖޭގެ އިގްތިސޯދަށް ފައިދާވާނެ ކަމެއް ނޫންކަމަށް ބުނެ ރާއްޖޭގެ ޓްރޭޑް ޔޫނިއަން އިން އެމަނިކުފާނުގެ ދިފާއުގައި ނިކުމެއްޖެއެވެ.
އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެންމެ އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް ކަމަށްވާ މުހައްމަދު ނަޝީދު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅަނީ ވަކި ކޮންސަބަބަކާ ހެދިކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ. މިކަމާއި ގުޅިގެން މިނިސްޓަރ ފައްޔާޒް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންކަން ފުރިހަމަ ކުރުމަށް ކަމަށާއި، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅަނީ ކީއްވެގެން ކަމެއް ނޭނގޭކަމަށް ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ޓްރޭޑް ޔުނިއަން އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މި ދަނޑިވަޅުގައި މިނިސްޓަރ ފައްޔާޒް މަގާމުން ދުރުކުރުމަކީ ގައުމުގެ އިކޮނޮމީ އަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ.އަދި އިންވެސްޓަރ ކޮންފިޑެންސްއަށްވެސް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށްވެސް ޓްރޭޑް ޔުނިއަން އިން ބުނެފައި ވެއެވެ.
”ރާއްޖޭގެ އިގްތިސާދީ މިސްރާބު ހުރީ ރަނގަޅަށް ކަމަށް މި ޔުނިއަން އިން ގަބޫލު ކުރަން، އިގްތިސާދީ ގޮތުން މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ ހީނަރު ކަމުން އަރައިގަތުމަށް ވިޔަފާރި ވެރިންނާއި ސަރުކާރު ގުޅިގެން މިހާރު ކުރަމުންދާ މުހިންމު މަސައްކަތްތައް ވަޅު ޖެހިގެން ނުދިއުމަށްވެސް މި ޔުނިއަން އިން އިލްތިމާސް ކުރަން“. އެ ޔުނިއަން އިން ބުނެފައި ވެއެވެ.
އެ ޔުނިއަން އިން ބުނީ، އެ މަސައްކަތް ކާމިޔާބު ކުރުމަށް މިނިސްޓަރ ފައްޔާޒު ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރާ ކަމަށެވެ. އަދި އެ މަސައްކަތަށް އެ ޔުނިއަންގެ ތާއިދު އެބަ އޮތް ކަމަށްވެސް ބުނެފައި ވެއެވެ.