ބަޖެޓު ސަޕޯރޓުގެ ގޮތުގައި އިންޑިޔާއިން ރާެއްޖެއަށް 250 މިިލިޔަން އެމެރިކާ ޑޮލަރު (3.9 ބިލިޔަން ރުފިޔާ) ގެ އެހީއެއް ދޭން ނިންމައިފިއެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑަށް އަޑި އަޅާލާފައިވާ މި ދަނޑިވަޅުގައި އިންޑިޔާއިން ރާއްޖެއަށް މިވެދެއްވާ ބޮޑު އެހީ ހަމަޖެހިގެން ދިޔައީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި އިންޑިޔާގެ ޚާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރުއާއިއެކީ ބޭއްވެވި ވީޑިޔޯ ކޮންފަރެންސް ކޯލްއެއްގައިއެވެ.
ރާއްޖޭގެ އިޤްތިޞާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި މިވަރުގެ އެހީއެއް ވެދެއްވުމަކީ ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ފާލަކަށް ވާނެއެވެ.
ކޮވިޑް-19ގެ ސަަބަބުން ރާއްޖޭގެ އެކިއެކި ކަންކަމަށް އިންޑިޔާއިން އަންނަނީ އެހީތެރިވަމުންނެވެ. މި ގޮތުން، އިންޑިޔާގެ ބޯޑަރުތައް ބަންދުކޮށްފައިވަނިކޮށް ރާއްޖޭގައި ހާލު ބޮޑުވެފައިވާ ބަލިމީހުންނަށް އިންޑިޔާއަށް ދަތުރުކޮށް ފަރުވާ ލިބިގަތުމުގެ ދޮރު ހުޅުވާލަދިނުމާއި، ޗައިނާގެ ވޫހާންގައި ތާށިވެފައިތިބި ދިވެހިން އަނބުރާ ރާއްޖެއަށް ގެނެސްދިނުމާއި، އެހެނިހެން މާލީ އެހީތެރިކަން ދިޔައީ ފޯރުކޮށްދެމުންނެވެ.