ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އިންޑިޔާގެ ޚާރިޖީ ވަޒީރު ވީޑިޔޯ ކޮންފަރެންސް މެދުވެރިކުރައްވާ މިއަދު ކުރެއްވި ކޯލްއަކީ ހަމަ ޔަޤީނުންވެސް ރާއްޖެ-އިންޑިޔާގެ ރަހުމަތްތެރިކަމަށް އިތުރު ފުރިހަމަކަމަށް ލިބިގެންދިޔަ ކޯލްއަކަށެވެ.
އިންޑިޔާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރާއިއެކީ މިއަދު މަޝްވަރާކުރެއްވެވި ގިނަ ކަންކަމަކީ ރާއްޖޭގެ ކުރިމަގު އިތުރަށް އުޖާލާވެދާނެ ކަމުގެ ފެހި ސިގްނަލްއެކެވެ.
މިއަދު މި ބައްދަލުވުމުގައި ރާއްޖެއަށް ތަފާތު ގިނަ އެހީތަކެއް އިންޑިޔާއިން ވެދެއްވާނެކަމަށް ވަޢުދުވެވަޑައިގަތުމާއެކު މިކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙުވަނީ ޝުކުރުއަދާކުރައްވާފައެވެ.
މިއަދުގެ މި ބައްދަލުވުމުގައި އެއްކޮށްހެން 750 މިލިޔަން ޑޮލަރުގެ އެހީ ވެދެއްވާނެކަމަށްވަނީ އިންޑިޔާއިން ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިޔަން ޑޮލަރާއި، މާލެ-ވިލިމާލެ-ތިލަފުށި ބުރިޖުގެ މަސައްކަތަށް 500 މިލިޔަން ޑޮލަރު ހިމެނެއެވެ. ހަމައެހެންމެ އިންޑިޔާއިން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ކޯޓާވެސް ވަނީ އިތުރުކޮށްދެއްވާފައެވެ. އަދި ދެތިން މަސް ތެރޭގައި ކޮޗިން-އާއި މާލެއާއި ދޭތެރޭ ފެރީގެ ޚިދުމަތްވެސް ފެށޭނެވާހަކަ ވަނީ މަޝްވަރާކުރައްވާފައެެވެ.
މި އެހީތަކުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ޞޯލިހުވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި މުޅި އިންޑިޔާއަށްވެސް ޝުކުރުއަދާކުރައްވާފެވެ.