ފުރަތަމަ ފަހަރަށް ދުނިޔެއާއި ހަނދާ ދޭތެރޭގައި ލޭޒަރ އަލި ބޭނުން ކޮށްގެން ނާސާގެ އޯރބިޓަރއިން ދުނިޔެއަށް ސިގްނަލްއެއް ލިބިއްޖެއެވެ.
މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ހަނދު ވަށާ ބުރުޖަހަމުންދާ ”އޯރބިޓަރ“އަށް ދުނިޔޭގައި ތިބެގެން ލޭޒަރ އަލި ފޮނުވައިން ސިގްނަލްއެއް ލިބޭތޯ ސައިންވެރިން ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން 10 އަހަރު ފަހުން ސައިންވެރިން މިވަނީ މިކަން ކާމިޔާބު ކޮށްފައެވެ.
ފްރާންސްގައި ގާއިމު ކޮށްފައިވާ ލޭޒަރ ސްޓޭޝަނަކުން 240،000 މޭލު ދުރުން އަލި އަޅުވައި މިކަން ކާމިޔާބު ކޮށް ސައިންސްވެރިން ވަނީ މި ހެކި ކިތާބު ކޮށްފައެވެ.
ދުނިޔެ ނޫން އެހެން ތަނެއްގައި އިންސާނުން ދިރި އުޅެވޭނެ ތޯ ބަލަމުންދާ ޒަމާނެއްގައި މިފަދަ އިލްމީ އީޖާދު ތަކުގެ ބޭނުން ސައިންސްވެރިން ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. އަދި މި ފަދަ ކަމެއް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދުނިޔެއިން ފެށިގެން ހަނދާ ހަމައަށް ދަތުރުކުރުމަށް ހޭދަ ވަނީ ކިހާ އިރެއްތޯ ބެލުމެވެ.
50 އަހަރުގެ އިލްމީ ނަޒަރިއްޔާތު ތަކާއި ތަފާސް ހިސާބުތަކުގެ އަލީގައި ސައިންސވެރިން ހޯދާ ހޯދުންތަކަކީ ދުނިޔެ ކުރިއަރާފައިވާ މިންވަރު އަންގައިދޭ ހެއްްކެކެވެ.
ފަހުގެ އަހަރުތަކުގައި، ހަނދު އުފެދިފައިވާ ގޮތާއި ހަނދުގައި ހުރި މާއްދާތައްވެސް ސައިންސްވެރިން ވަނީ ދެނެގަނެފައެވެ. އަދި އެންމެ ފަހުން ދެނެގަނެވުނު އެއްޗަކީ ހަނދުގެ އެންމެ އަޑީ ފަށަލައަކީ ދިޔާ އެއްޗެއް އެކުލެވޭ ފަށަލައެއްކަމެވެ. މި ދިޔާ އެއްޗަކީ ކޯންޗެއްތޯ ހޯދުމުގެ މަސައްކަތް ސައިންސްވެރިންދަނީ ކެނޑިނޭޅި ކުރަމުންނެވެ.