ހުޅުމާލެ ބްރިޖުގެ ހުޅުލެއާ ވީފަޅީގެ ހައިވޭއަށް ވަރަށް ބޮޑަށް އުދައަރާފިއެވެ.
މިއަދު ހެނދުނުގެ ވަގުތުގައި އެހިސާބަށް އުދައަރާފައިވަނީ ދިޔަވަރު ބޮޑުވި ވަގުތުއެވެ. އަދި މިހާރު ދިޔަވަރު ކުޑަ ވަގުތު ކަމުން، އުދާގެ އަސަރެއް، އެހިސާބަކަށް ނުކުރެއެވެ.
އުދަ އެރުމުގެ ސަބަބުން ހައިވޭގެ އެކި ހިސާބުތަކުގައި، ކޮންމެސް ވަރަކަށް ގަލާ އަކިރި ފަދަ ތަކެތި ވަނީ އަރާފައެވެ. މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތުގައި ހުޅުމާލޭ ހައިވޭގެ ބައެއް ހިސާބުތަކަށް އުދަ އެރި ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި، އެހެން ނަމަވެސް އުދަ އެރުމުގެ ސަބަބުން އެހިސާބު ބަންދު ކުރެވިފާ ނުވާނެ ކަމަށެވެ. ބްރިޖުގެ ހުޅުލޭ ހައިވޭއާއި ދިމާލުން މިއަދު އުދަ އަރާފައި ވާއިރު މާލޭގެ ހައިވޭ އަށްވެސް ކޮންމެސް ވަރަކަށް އުދަވަނީ އަރާފައެވެ.
މިދުވަސް ވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުދައަރަމުން އަންނަ ދުވަސް ވަރެއް ކަމުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އެކަން ކަމަށް ކުރިޔާލާ ތައްޔާރުވެ ތިބުމަށް އިލްތިމާސް ކޮށްފައެވެ. އަދި ރާއްޖެއަކީ ބިންތިރި ގައުމެއް ކަމުން، މޫދާއި ކާރީ ގޭތަކުގައި ދިރިއުޅޭ ފަރާތްތަކުން، އުދައަރާފާނެ ކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.