މިރޭގެ ޗެމްޕިއަންސް ލީގު ފުޓުބޯޅައިގައި ބާސާ ލަދުވެތިކޮށް ބަލިކޮށްލުމަށްފަހު ބެޔާން މިޔުނިކް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މިރޭގެ މެޗުގައި ބާސެލޯނާގެ މައްޗަށް ބެޔާން މިޔުނިކް ކުރިހޯދީ 8-2 ނަތީޖާ އަކުންނެވެ.
ގިނަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް މި މެޗުގައި ވަނީ މުޅިއެކު 10 ގޯލު ފެނިގެން ގޮސްފައެވެ. މި ގޮތުން، މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ބެޔާންއަށް ކުރި ހޯދައި ދިނީ މުލަރއެވެ. ނަމަވެސް، މި ގޯލު ޖެހިތާ މާގިނައިރުތަކެއްނުވަނީސް ބާސާއިން ކުރި އެޓޭކެއްގައި ބެޔާންގެ އަލާބާ އަތުން ބައިކޮޅަށް ގޯލެއްވަދެ ނަތީޖާ ހަމަހަމަ ވިއެވެ. އޭގެ ކުޑަ އިރު ތަކެއްނުވެ މެޗުގެ 21 ވަނަ މިނެޓުގައި ޕެރިސިޗް ޖެހި ގޯލަކުން ބެޔާން އިން ލީޑު އަނެއްކާވެސް ނެގިއެވެ. އަދި 27 ވަނަ މިނެޓުގައި ނެބްރީ ޖެހި ގޯލަކުން މި ލީޑު ފުޅާކުރިއެވެ. މި މެޗުގެ ބެޔާންގެ ހަތަރުވަނަ ގޯލު 31 ވަނަ މިނެޓުގައި މުލަރ ޖަހައި ފުރަތަމަ ހާފު ނިންމައިލިއެވެ.
ދެވަނަ ހާފުގައި ފެށިގެން ބާސާއިން ރަނގަޅަށް ކުޅެމުންގޮސް 57 ވަނަ މިނެޓުގައި ސުއަރޭޒް ލަނޑެއްޖަހައި ފަރަޤު ކުޑަ ކުރިއިރު 63 ވަނަ މިނެޓުގައި ބެޔާންގެ ފަހަތަށް ކުޅޭ ކިމިޗް ގޯލެެއްޖަހައި ބާސާގެ އުންމީދު ފެނަށް ދުއްވާލިއެވެ. ބެޔާން އިން ގިނަ ވަގުތު ބޯޅަ ގެންގުޅެ މެޗުގެ ފުރިހަމަ ކޮންޓްރޯލު ނެގި އިރު، 82 ވަނަ މިނެޓުގައި މި ސީޒަނުގައި ބެޔާންއަށް އެންމެ ގިނަ ގޯލު ޖަހައިދިން ލެވަންޑޯސްކީ ގޯލެެއް ޖެހިއެވެ. މެޗުގެ ފަހު 2 ލަނޑު ޖެހީ ކުރިން ބާސާއަށްވެސް ކުޅުނު ކުޓީނިއޯއެވެ.
މިއީ ފަހުގެ ތާރީޚެއްގައި ބަސާ މިހާ ބޮޑު، ހިތްދަތިކޮށް ބަލިވި ފަހަރެވެ. ބެޔާންއިން ސެމީ ފައިނަލުގައި ބައްދަލުކުރަންޖެހޭނީ މާދަމާ ރޭ މެންޗެސްޓަރ ސިޓީ އަދި އޮލިމްޕިކް ލިޔޯން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއިއެވެ.