އާއްމު ފަރާތަކުން ހުށައެޅި މި މައްސަލައަކީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހަދާފައި ނުވާތީ އެކަން ފާހަގަކޮށް ހުށައަޅާފައިވާ މައްސަލައެކެވެ. ގާނޫނުން ހެދުމަށް ލާޒިމްކުރާ ގަވާއިދެއް ތިން އަހަރު ފާއިތުވެދިޔައިރުވެސް ހަދާފައިނުވާކަމަށް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ ފޮނުވާފައިވާ ސިޓީގައި ވަނީ އޭސީސީގެ މިހާރުގެ މެމްބަރުން މަގާމުގައި ތިއްބަވާތާ 11 މަސް ފާއިތުވެފައި ވީއިރު ވެސް، އެ ގަވާއިދު ހަދާފައި ނުވާތީ އެކަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލައި، ފިޔަވަޅު އަޅައިދޭން އެދޭ ކަމަށެވެ.އޭސީސީން އެ ގަވާއިދުތައް ނެހެދުމަކީ ގާނޫނުލް އުގޫބާތު އޮތްގޮތުން އެ ކޮމިޝަންގެ މެމްބަރުން ކުރި ކުށެއް ކަމަށާއި އޭގެ ސަބަބުން އެ ކޮމިޝަނުން ކުރާ ތަހުގީގުތަކުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ލިބޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ކޮރަޕްޝަންގެ ކަންތައްތައް ބަލަހައްޓަވަން ގާއިމްކޮށްފައިވާ މިފަދަ މުއައްސަސާއަކުން ތިން އަހަރު ވޭތުވެދިޔައިރު ގާނޫނީގޮތުން އެކުލަވާލައްވަންޖެހޭ ގަވާއިދެއް އަދި މިހާތަނަށް ވެސް ނެތުމުން އެކަން ފާހަގަކޮށް އާއްމު ރައްޔިތަކު މިވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ބަލައިދިނުމަށް އެދިފައެވެ. މިފަދަ މައްސަލަތައް މިހެން ހުންނަހުރި މި މުއައްސަސާތަކުގެ ދަށުން ބެލިގެން ކުރިއަށްދާ މައްސަލަތަކަށް ހައްލެ ހޯދުމަށް އެހާ ފަސޭހައެއްނުވާނެއެވެ.