އިންޑިއާ އިން ދިވެހި ސަރުކާރަށް ދިން ލޯނުތަކުގެ ސަބަބުން ދިމާވާނީ ކޮން ކަންތައް ތަކެއްތޯ ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދުގެ ސަރުކާރަށް ގިނަ ސުވާލުތަކެއް އަމާޒު ކޮށްފިއެވެ.
ފޮރިން މިނިސްޓްރީއިން މީގެ ކުރިން ބުނެފައިވަނީ، އިންޑިއާ އިން ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ލިބިފައިވާ އިރު، މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖު މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ވަނީ ލިބިފައި ކަމަށެވެ. އަދި ބްރިޖު މަޝްރޫއަށް އިންޑިއާ ސަރުކާރުން ދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭނެ ކަމަށްވެސް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ.
ޑރ. ޖަމީލް މިއަދު ކުރެއްވި ޓުއީޓުގައި ވިދާޅުވީ، ސަރުކާރުން ނަގާ ލޯންތައް ދެއްކޭނެ މިންވަރުގެ އާމްދަނީއެއް ސަރުކާރަށް ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެތޯ ސުވާލު ކުރައްވައިފައެވެ. ލޯން ނުދެއްކިއްޖެ ނަމަ، މިފަހަރު ވިއްކަން ހުށަހަޅާފައި ވަނީ ކޮން ރަށްތަކަކާއި ހަރުމުދަލެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ”ދަރަނިވެރިވެ، އެސެޓް ވިއްކައިގެން ވިޔަސް ކޮންމެހެން ބްރިޖު އެޅުން ވާޖިބުވީ ކީއްވެތޯ؟ ކޮންމެ ފަހަރަކު މުސާރަ ދިނުމަށް ލޯން ނެގުން ނޫން ވިސްނުމެއް ނެތީތޯ؟ އައްޑޫ ގަން އިނގިރޭސިންނަށް ދިން ގޮތަށް ރާއްޖޭގެ ރަށްތައް ބޭރުގެ ބާރުތަކަށް ދޭން ފަށަނީތޯ؟“ މި ޓުއީޓުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ރައީސް އަދި މަޖިލީހުގެ ރައީސް ޓެގު ކުރައްވާފައެވެ.
ދިވެހިންނަކީ ކޮންމެ ބައެއްގެ ވެސް އިހްސާންތެރިކަމަށް ޝަކުރުވެރިވާ ބައެއް ކަމަށާއި ނަމަވެސް ކުރާ އެއްވެސް ކަމަކުން ގައުމުގެ މިނިވަން ގެއްލި އަޅުވެތިވެގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންފަހުން ވަނީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ވަރަށް ބޮޑަށް އެކި ދާއިރާތަކުން ގުޅުން ވަރުގަދަ ކޮށްފައެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރަށް އިންޑީއާ އިން އަންނަނީ ގިނަ އެހީތަކެއްވެސް ފޯރުކޮށްދެމުންކަން ފާހަގަ ކޯށްލެވެއެވެ.