މާލޭގެ އެއްގެއަކުން 35 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްެޖެއެވެ.
އެގޭގައި ދިރިއުޅެމުންދާ އަންހެނަކު، ޓްވިޓަރގައި މަޢުލޫމާތު ހިއްސާކުރަމުން މިކަންވަނީ ކަށަވަރުކޮށްދެއްވާފައެވެ. ހ.މޫންލައިޓްވެލީއަށް ނިސްބަތްވާ މި ޢާއިލާގައި އެންމެ ފުރަތަމަ ޕޮޒިޓިވްވެގެން އެޗްޕީއޭއަށް އަންގާފައިވަނީ އެގޭގެ ބޮޑުބޭބެއެއްގެ ވާހަކައެވެ. ބަލީގެ ޢަލާމަތްތައް ހުރެގެން ޓެސްޓު ހެދި އިރު ބޮޑުބޭބެވަނީ ޕޮޒިޓިވްވެފައެެވެ. އަދި އެގޭގައި ވަކިން މީހަކު ބެހެއްޓޭނެ ޙާލަތެެއް ނެތުމުގެ ސަބަބުން އައިސޮލޭޝަންއަށް ގެންދިޔުމަށް އާދޭސް ކުރަމުންދަނިކޮށް ދެވަނަ މީހަކަށް އެގޭއިން ބަލިވަނީ ވާރުތަވެފައެވެ. އަދި އެއަށްފަހު ފަހަރަކު މީހަކަށް ބަލި ޖެހެމުންގޮސް މުޅި ގޭތެރެއަށް ބަލި ފެތުރުނީއެވެ.
މިކަން މެދުވެރިވި އެންމެ ބޮޑު އެއްސަބަބަކީ އެޗްޕީއޭއިން ބަލި ޖެހިގެން އައިސޮލޭޝަން ފެސިލިޓީތަކަށް މީހުން ގެންދިޔުން ލަސްވުމާގުޅިގެންނެވެ. ސަރުކާރުން މި މައްސަލައަށް ވިދާޅުވެފައިވަނީ އެއް އާއިލާއެއްގެ މީހުން އެ އާއިލާގެ އެހެން ބަޔަކު ޕޮޒިޓިވް ވެގެން އެ ރިސޯޓަށް ދިޔުމަށް މަޑުކުރުން ނުވަތަ މަންމައަކު ދަރިފުޅު ގޮވައިން ދިޔުމަށް މަޑުކުރުން ކަހަަލަ ކަންކަމުގައި އައިސޮލޭޝަންއަށް ގެންދިޔުން ލަސްވަނީ ކަމަށެެވެ. ނަމަވެސް މި ކޭސްގައި ކަން މިވީ އެހެންނެއް ނޫނެވެ.
މިގެއިން ޕޮޒިޓިވްވި 67 އަހަރުގެ މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. ހާލަތު ގޯސްވެގެން ހޮސްޕިޓަލަށް ގެންގޮސް ނިޔާވިފަހުން ޖަނާޒާ ކުރިއަށް ގެންދަނިކޮށް އެޗްޕީއޭއިން ވަނީ މި މީހާ އައިސޮލޭޝަންއަށް ގެންދިޔުމަށް ގުޅާފައެވެ. މިކަމާ އެޗްޕީއޭއިން މާފަށް އެދުނު ކަމުގައި ވީ ނަމަވެސް އާއިލާއާއި ހަވާލާދީ އެންމެވެސް ތިބީ ވަރަށް ބޮޑު ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައެވެ.
46 މީހުން ދިރިއުޅޭ މި ގޭގައި، 70 އަހަރު މީހެއްގެ އިތުރުން 1 މަހުގެ ތުއްތު ކުއްޖެއްވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ގާތުން ބައްދަލުވި މީހުންގެ ތެރޭގައި އެގޭގެ 80 އަހަރުގެ މާމަވެސް ހިމެނެއެވެ.
ޕޮޒިޓިވްވި 9 މީހަކު ގޭގައި ތިބޭތާ 11 ދުވަސް ވެފައިވާ ކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ.