ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންނަށް ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރެއް ނެރުއްވާނެކަން ކްރިމިނަލް ކޯޓުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކޯޓަށް ހުށައަޅާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ މިއަދު ބޭއްވި އިބްތިދާޢި އަޑުއެހުމުގައި ރައީސް ޔާމީނަށް ވަކީލުންނާއި ބައްދަލުނު ކުރެވޭތާ ދޮޅުމަސް ވެފައިވާކަމަށް ރައީސް ޔާމީން ވަކީލުން ވިދާޅުވުމުންނެވެ.
ރައީސް ޔާމީނާ ދެކޮޅަށް އުފުލާފައިވާ ޝަރީއަތުގެ ޢިބްތިދާޢީ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް މިހާރު ހުށައަޅާފައިވާ މައްސަލައިގެ އެއްވެސް ލިޔެކިއުމެއް މިހާތަނަށް ލިބިފައިނުވާކަމަށާއި އެލިޔެކިއުންތައް ފެނުމުން ނޫނީ ޝަރީޢަތް ކުރިއަށްގެންދަން ފަސޭހަނޫންކަމަށެވެ.
ކަރެކްޝަންގެ ސިޓީއަކާއި ހަވާލާދީ ދަޢުލަތުގެ ވަކީލުން ވިދާޅުވީ ރައީސް ޔާމީނާ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ދީފައިވާކަމަށެވެ. އެގޮތުން އޮންނަ އުސޫލްގެ ތެރެއިން ޙުއްދަ ނަގައިގެން ޖަލަށް ބައްދަލުކުރަން ވަޑައިގެންނެވޭނެ ކަމަށް ވަކީލުންނަށް ކަރެކްޝަނުން އަންގާފައި ވާކަމަށް ދަޢުލަތުގެ ވަކީލުން ވިދާޅުވިއެވެ.
ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ ކޯޓަށް މައްސަލަ ހުށައެޅުމަށްފަހު މިވީ މުއްދަތުގައި ދަޢުވާ ލިބޭ ފަރާތާއި ބައްދަލުވެފައި ނުވާކަން ދެފަރާތަކުގެ ވާހަކަތަކުން އެނގޭކަމަށެވެ.
މި މައްސަލައަކީ އޭގެ ޒާތުން ބޮޑު މައްސަލައަކަށް ވާތީ މައްސަލަ ރައްދުވާ ފަރާތާއި ދިފާޢީ ވަކީލުންނާ ސީދާ ބައްދަލުކުރެވޭނެގޮތަށް އެކެހެރި ބައްދަލުވުމެއް ދިނުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ކޯޓުން މިއަދު ޢަމުރެއް ނެރުއްވާނެކަމަށެވެ.
އަދި އެ ފުރުސަތު ދެއްވުމަށް ފަހު 10 ދުވަސް ނުވަތަ 15 ދުވަސް ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.