އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކުރިގޮތުގައި އެގައުމުން ޤައްޒާގެ ހަމާސް ޖަމާއަތުގެ މީހުންނަށް އަމާޒުކޮށްގެން ހަމަލާތަކެއް ދީފައިވާނެކަމަށެވެ. އަދި މިހަމަލާތައް ދިނުމަށް މެދުވެރިވީ ހަމާސް ޖަމާއަތުން އިސްރާއިލް ގެ ސަރަހައްދަށް ފުއްޕާހަންތަކެއްގައި ބޮންހަރުކުރުމަށްފަހު ދޫކޮށްފައިވާތީކަމަށް އެ ގައުމުން ހާމަކުރެއެވެ.
ހޮނިހިރުދުވަހުގެ ހަވީރު އިސްރާއިލް އަދި ހަމާސް ޖަމާއަތުގެ ދެމެދުގައި ހިނގާ ދިޔަ ހަމަލާ ބަދަލުކުރުންތަކަށް ފަހު ދެން އިސްރާއިލްވަނީ ވައިގެ މަގުން ގައްޒާއަށް ބޮމުގެ ހަމަލާތަކެއްދީފައެވެ. އިސްރާއިލުން ބުނީ ފަލަސްތީންގެ ރައްޔިތުންވަނީ ހަމަނުޖެހުން ހިންގައި ޓަޔަރުތަކުގައި އަލިފާންރޯކޮށް އަދި މީގެ އިތުރުން އިސްރާއީލްގެ ބޯޑަރު ސަރަހައްދުވަކި ކުރަން ޖަހާފައި ހުންނަ ފެންސާއި ދިމާލަށް އަންނަން މަސައްކަތްކޮށްފައިކަމަށެވެ.
ފާއިތުވި ހަފްތާގައި އިސްރާއިލްގެ ސިފައިންވަނީ ދަންވަރުގެ ވަގުތުގައި ޤައްޒާގެ ގެތަކަށް ވަދެ ހަމަލާދީފައެވެ. މިހަމަލާތައް އަމާޒުކޮށްފައިވަނީ ހަމާސް ޖަމާއަތާއި ގުޅުން ހުރި ފަރާތްތަކުގެ ގެތަކަށް ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ހާމަކުރެއެވެ. އިސްރާއިލުން ދިން ހަމަލާތަކުގައި ގެއްލުންވެފައިވަނީ ޤައްޒާގެ އަސްކަރީ އިމާރާތެއްގެ އިތުރުން ހަމާސް ޖަމާއަތުން ބޭނުންކުރަމުން އަންނަ ބިންގަރާހެއްކަމަށް ޤައްޒާގެ އޮފިޝަލުން ހާމަކުރިއެވެ.
އިސްރާއިލުން ބުނީ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އިސްރާއިލަށް ގައްޒާއިން ވަނީ ދެ ރޮކެޓް ހަމަލާ ފޮނުވާލާފައިކަމަށާއި ނަމަވެސް އަޔަން ޑޯމް ޑިފެންސް ސިސްޓަމް ގެ ސަބަބުން އެ ހަމަލާތަކުގެ ގެއްލުންތައް ނުލިބުނީކަމަށެވެ. 2 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ގައްޒާގައި މައިގަނޑުގޮތެއްގައި ދިރިއުޅެމުން އަންނަނީ ފަގީރުންނެވެ. އަދި މިފަދަ އެތަކެއް އުދުވާނީ ހަމަލާތަކުގައި އެތައް މުސްލިމުންނެއް ހަފްތާއެއްގެ މައްޗަށް ޝަހީދުވެދެއެވެ.