މާލެ ސަރަހައްދުގައި 13،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދާކަމަށް ޕްލޭނިންގް އެންޑް ހައުސިންގް މިނިސްޓަރ މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭ ސަރަހައްދުގައި 17،000 އަށް ވުރެ އާއިލާ އެކަށީގެންނުވާ ފަދަ ތަންތަނުގައި ދިރިއުޅެމުން އަންނަކަމަށެވެ. އަދި އެއީ ކޮންމެހެންވެސް ބޯހިޔާވަހިކަން ބޭނުންވާ އާއިލާތައް ކަމަށް އަސްލަމްވަނީ ސިފަކުރައްވާފައެވެ. އެގޮތުން އަސްލަމް ވިދާޅުވީ މިހާރު މާލެ ސަރަހައްދުގައި 13،070 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އޭގެ ތެރެއިން 6،720 ޔުނިޓަކީ ކުރީގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެށި ހިޔާ މަޝްރޫއުގެ ފްލެޓްތައްކަމަށެވެ.
މީގެ ތެރެއިން 3،938 ހައުސިންގ ޔުނިޓަކީ މެދު ފަންތީގެ އާއިލާތަކަށް އަމާޒުކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތައް ކަމަށާއި އަދި 2،375 ހައުސިންގް ޔުނިޓަކީ މަތީ ފަންތީގެ އާމްދަނީ އެއް ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން އެޅުމަށް ހަމަޖައްސާފައިވާ ހައުސިންގް ޔުނިޓްތަކެއް ކަމަށް ވެސް މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި އިތުރު 11،768 ހައުސިން ޔުނިޓްގެ މަސައްކަތް ރޭވުމާއި ހުށަހެޅުމުގެ މަރުހަލާގައި އެބަ އޮތް ކަމަށާއި އިތުރު 1147 ހައުސިން ޔުނިޓްގެ މަސައްކަތެއް މަޑުޖެހިފައިވާ ކަން އަސްލަމް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުންވެސް ގޯތީގެ ގޮތުގައި 37 ބިމެއް ދޫކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުގައި ފްލެޓްތައް ބައްސަވާފައި ހުރީ އޭރުގެ މިނިސްޓަރުގެ ލިސްޓަކަށް ކަމަށް ބުނެ މި ސަރުކާރުން ވަނީ އަލުން ފްލެޓްތައް ބެއްސުވުމުގެ މަސައްކަތްކުރައްވާފައެވެ. ނަމަވެސް މިފްލެޓްތައް އަދި ރައްޔިތުންނަށް ލިބިފައެއްނުވެއެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ ފާޑުކިތުންތައް މިވަނީ މިސަރުކާރަށް އަމާޒުވެފައެވެ.