ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިސް ފަނޑިޔާތު ޝުޖާއު އުސްމާން މަގާމުން ވަކު ކުރުމަށ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަނޑިޔާރު އުސްމާން ވަކިކުރުމަށް ޖޭއެސްސީ އިން ހުށައެޅި ސިޓީ ވަނީ މަޖިލީހުގެ އަމީންއާއްމު، ފާތިމަތު ނިއުޝާ އިއްވަވާފައެވެ.
އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެމައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވާނެ ކަން އިއުލާން ކުރައްވާފައެވެ.
މައްސަލައެއް ދިރާސާ ކުރުމުގައި ޖުޑިޝަރީ ކޮމިޓީއަށް އޮންނަ މެންޑޭޓަކީ އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލައި ފަނޑިޔާރު ވަކިކުރަން ނިންމުމުގައި ޖޭއެސްސީއިން އަމަލު ކުރަން ޖެހޭ އިޖުރާއަތްތަކަށް އަމަލުކޮށްފައިވޭތޯ ބެލުމެވެ.
ފަނޑިޔާރު ކަމުން ޝުޖާއު ވަކި ކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީއިން ނިންމީ އޭނާގެ ދެ ސުލޫކީ މައްސަލައެއް ބަލައި، އޭގައި ތުހުމަތު ކުރެވޭ ކަންކަން ކޮށްފައިވާ ކަން ސާބިތުވާ ވަރަށް ފާހަގަ ކުރެވިގެން ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރެއިން ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއް ކޮށް، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގެ އިތުރުން، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ އާއިލާއާ ބައްދަލުކޮށް، އެ މީހުންގެ ވޯޓު ލިބިއްޖެ ނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެ ކަމުގެ މަޝްވަރާ ކުރި ކަމަށް ބުނެ، މި ދެމައްސަލާގެ ސަބަބުން މަގާމުން ވަކިކުރުމަށް ސިޓީގައި އެކޮމިޝަނުން ބުނެފައިވެއެވެ. ހައި ކޯޓުގެ ފަނޑިޔާރަކަށް 2015 ގައި އައްޔަންކުރި ޝުޖާއުއަކީ ސިޔާސީ ބޮޑެތި މައްސަލަތަކެއް ދަށު ކޯޓުގައާއި ހައި ކޯޓުގައި ބައްލަވައި ހުކުމް ކުރައްވާފައިވާ ފަނޑިޔާރެކެވެ. ރައީސް ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ބެންޗުގައި ވެސް އޭނާ ހިމެނިވަޑައިގަންނަވައެވެ.