ކޯވިޑް 19 އަށް ރާއްޖޭގެ ދިފާއީ ބާރުން ހަރަދު ކޮށްފައިވަނީ މާލިއްޔަތު ގަވައިދާއި، ފިނޭންސް މިނިސްޓްރީގެ އުސޫލްތަކާއި އެއްގޮތަށް ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ޑިފެންސް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓް އާންމުކޮށްފައެވެ. ކޯވިޑް 19 ގެ ބަލިމަޑު ކަމުގައި ޑިފެންސް މިނިސްޓްރީއިން ވަނީ މުހިއްމު ރޯލެއް އަދާ ކޮށްފައެވެ. އަދި ކޯވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުން އުފެއްދި އެންއީއޯސީގެ ޗެއާޕާސަނަށް ހުންނެވީވެސް ގައުމީ ދިފާއީ ބާރުގެ މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ޑިފެންސް މިނިސްޓްރީން 5,242,102 ހަރަދުކޮށްފައިވާ ކަމަށެވެ. އެ މުއައްސަސާއަށް ހަރަދު ކުރުމަށް ކަނޑައަޅާފައިވަނީ 17,049,230 ރުފިޔާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
އެ މިނިސްޓްރީން މައިގަނޑު ގޮތުގައި ހަރަދުކޮށްފައިވަނީ ކޮވިޑް-19އާ ގުޅޭ އޮޕަރޭޝަންގައި ބޭނުންކުރި ކަނޑުއުޅަނދުފަހަރަށް ތެޔޮ އެޅުމަށާއި އޮޕަރޭޝަންގައި ބައިވެރިވާ ސިފައިން ތިބި މަރުކަޒުތަކަށް ބޭނުންވާ ސަޕްލައިޒްއާއި މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ އިތުރުން ސިފައިން ތިބި މަރުކަޒުތަކަށް ހަރުމުދާ ހޯދުމަށެވެ.
އެއިން ކޮންމެ ކަމަކަށް ކޮށްފައިވާ ހަރަދުތައް ވަކިވަކިން ވަނީ ހިމަނާފައެވެ.