ކ. މާފުށި ޞިއްޙީ މަރުކަޒުގައި ދަތުގެ ފަރުވާދޭ ޔުނިޓެއް ހުޅުވައިފިއެވެ. ރޭ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މާފުށި ޞިއްޙީ މަރުކަޒުގައި އަލަށް ގާއިމުކޮށްފައިވާ ޑެންޓަލް ޔުނިޓް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲއެވެ.
އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒެއްގައި ހުޅުވި އެންމެ ފުރަތަމަ ދަތުގެ ފަރުވާ ދޭ ޔުނިޓަކީ ރޭ މާފުށީގައި ހުޅުވި ދަތުގެ ފަރުވާދޭ ޔުނިޓެވެ. މި ޔުނިޓާއެކު އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ 17 ތަނަކުން ދަތުގެ ފަރުވާ ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މިނިސްޓަރު އިމްރާން މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވިދާޅުވީ މާފުއްޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ޖަލުގައި ގައިދީން ބައިތިއްބާ ރަށަކަށް ވާތީ މާފުށި ޞިއްޙީ މަރުކަޒުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފެށުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް އަދި ލުޔެއް ކަމަށާއި މިކަމުގެ ސަބަބުން ހަރަދު ކުޑަވެގެންދާނެ ކަަމަށެވެ.
މާފުށި ޞިއްޙީ މަރުކަޒުގައި ދަތުގެ ފަރުވާގެ ޚިދުމަތް ދެވެން ފެށުން އެރަށާ ކައިރީގައިވާ ރަށްތަކުގެ ރަށްވެހިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ފުރިހަމައަށް ބައްޓަން ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް އިމްރާންގެ ވާހަކާގައި ފަހަގަކުރިއެވެ.
”މާފުއްޓާ ކައިރީގައިވާ ރަށްތަކުގެ ރަށްވެހިންނަށް މި ލިބިގެން ދިޔައީ ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް، ސަލާމަތް ކުރެވުނީ ވަރަށް ގިނަ ވަގުތު، ސަލާމަތް ކުރެވުނީ ފައިސާ،“ އިމްރާން ވިދާޅުވިއެވެ.
މާފުއްޓާ ކައިރީގައި ވަރަށް ގިނަ ރިސޯޓުތައް ތަރައްޤީ ކުރެވިގެންދާ ކަމަށާއި މާފުށި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުން މާލެއަށް އައުމަށްޓަކައި ކުރަންޖެހޭ ހަރަދާއި ތޮއްޖެހުމަށް ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށެވެ.
އިމްރާން ފަހަގަ ކުރި ގޮތުގައި ގައިދީންނަށް ޞިއްޙީ ފަރުވާ ދިނުމުގައި ވަރަށް ގިނަ ތަކުލީފުތަކާއި އުނދަގޫތަކެއް ކުރިމަތިވާ ކަމަށާއި މާފުށީގެ ޞިއްޙީ ނިޒާމު ރަނގަޅުވެގެން ދިއުމަކީ މުޅި ނިޒާމު ހަރުދަނާ ކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.