ބޭންކް އޮފް މޯލްޑިވްސް ގެ އެކައުންޓުތަކުން ޓްރާންސެކްޝަން ތަކަކުން ދެފަހަރަށް ކެނޑުނު ފައިސާ އަނބުރާ ކަސްޓަމަރުންގެ އެކައުންޓު ތަކަށް ޖަމާކޮށްދީފައިވާނެ ކަމަށް ގައުމީ ބޭންކުން ބުނެފިއެވެ.
ރޭގެ ވަގުތެއްގައި ގިނަ ބަޔަކު ވަނީ އެމީހުންގެ އެކައުންޓު ތަކުން ދެފަހަރަށް އެއް ޓްރާންސެކްޝަން ތަކަކަށް ފައިސާ ކެނޑިފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ވަރަށް ބޮޑަށް އަޑު އުފުލާފައެވެ. އަދި ބައެއް ފަރާތްތަކުން ފައިސާ ކެނޑިފައި ހުރި ސްކްރީން ޝޮޓް ތައްވެސް ވަނީ ހިއްސާ ކޮށްފައެވެ.
މިކަމާއި ގުޅިގެން ގައުމީ ބޭންކުން ރޭގެ ވަގުތެއްގައި ކަސްޓަމަރުންގެ ކިބައިން ވަނީ މަޢާފަށް އެދިފައެވެ. އަދި އެގޮތައް އެކަން މެދުވެރިވީ ސިސްޓަމް ތަކަށް އެރި އޮޅުމަކުން ކަމަށްވެސް ވަނީ ބުނެފައެވެ. ބީއެމްއެލް އިން އެންމެ ފަހުން ވިދާޅުވީ އެހެން މެދުވެރިވާން ދިމާވި މައްސަލަ މިހާރު ހޯދިފައިވާ ކަމަށާއި އަދި އެކަން މިހާރު ހައްލުކޮށް ދެފަހަރަށް ފައިސާ ކެނޑިފައިވާ އެކައުންޓްތަކަށް އެ ފައިސާ އަލުން ފޮނުވާފައިވާނެ ކަމަށެވެ.
އަދި ކަސްޓަމަރުން ކެތްތެރިކަމާ އެކު ތިބި ކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށް ވެސް ބީއެމްއެލް އިން ވިދާޅުވިއެވެ. ކާޑުތަކުން ދެ ފަހަރަށް ފައިސާ ކެނޑުނު ކަސްޓަމަރުންގެ ތެރޭގައި ބޭރު ގައުމުތަކުގައި ތިބި ބައެއް މީހުން ވެސް ހިމެނެއެވެ. ބައެއް މީހުން ބުނި ގޮތުގައި މިއީ އަލަށް ދިމާވި ކަމެއް ނޫނެވެ. މީގެކުރިން ވެސް މިފަދަ މައްސަލަތައް ދިމާވާ ކަމަށް އެމީހުން ބުންޏެވެ.