ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ސްކޫލްތައް އަލުން ހުޅުވޭއިރު އެތަންތާގައި ދަރިވަރުން ރަނގަޅަށް އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތް ކަމަށާއި، އެހެން ކަމުން 800 މިލިއަން ދަރިވަރުން ނުރައްކަލުގެ ތެރެއަށް ހުށައެޅިގެން ދާނެ ކަމަށް ދުނިޔޭގެ ސިއްހީ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.
އެއިދާރާއާއި ޔުނިސެފްއިން ގުޅިގެން ނެރުނު ދިރާސާއެއްގައި ބުނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ހުރި މަދަރުސާތަކުގެ ތެރެއިން 43 އިންސައްތަ މަދަރުސާގައި އަތް ދޮވުމަށް ބޭނުންވާ ފެނާއި ސައިބޯނި ލިބެން ނެތްކަމަށެވެ. އޭގެ ސަބަބުން ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ބަންދުކޮށްފައިވާ މަދަރުސާތަކަށް އަލުން ދަރިވަރުން ހާޒިރުވާން ފެށުމުން 818 މިލިއަން ކުދިންނަށް ބަލިޖެހުމުގެ ފުރުޞަތު އިތުރުވާނެކަމަށް އެ ދިރާސާގައިވަނީ ފާހަގަކޮށްފައެވެ.
ފަޤީރުކަމުން ސަލާމަތްވުމަށް ތަޢުލީމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ވިޔަސް އަތް ދޮވުމުގެ ވަޞީލަތްތަކާއި ރައްކާތެރިކޮށް ފާޚަނާކޮށް ސާފުވެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާނަމަ އެތައް މިލިއަން ދަރިވަރުންގެ ޞިއްޙަތަށާއި އުނގެނުމަށް ލިބޭ ފުރުޞަތުތަކަށް ހުރަސްއެޅޭނެކަމަށް މާހިރުންވަނީ ފާހަގަކޮށްފައެވެ. އަދި ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކަލަކީ އެ ކަންކަމަށް ދޭ ސަމާލުކަމާއި މުހިންމުކަން އިތުރުކުރުމަށް ލިބޭ ފުރުޞަތެއްކަމަށްވަނީ ފާހަގަކޮށްފައެވެ.