ކޯވިޑް 19 އަށް ފައްސިވާ ދިވެހިންގެ އަދަދު އިތުރުވާން ފަށާފިއެވެ.
މިއަދު އެކަނިވެސް މިބައްޔަށް ފައްސިވި ދިވެހިންގެ އަދަދަކީ 123 އެވެ. ދިވެހިން ފައްސިވާ މިންވަރު އިތުރުވަމުން މިދަނީ ފުރަބަންދައް ދިން ލުއިތަކަށް ފަހު އާއްމުން ބައްޔާ މެދު ފަރުވާ ކުޑަކުރުމުގެ ސަބަބުން ކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ. އަދި މި ބައްޔަކީ ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާ ބައްޔަކަށް ވުމުން ބަލީގެ ނުރައްކާތެރިކަން ބޮޑު ބައްޔެއް ކަމަށްވެސް ސިއްހީ މާހިރުން އަންނީ އެކި ފަހަރު މަތިން ވިދާޅުވަމުންނެވެ.
އިއްޔެ އެޗްޕީއޭ އިން އާއްމު ކުރި މައުލޫމާތައް ބަލާއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔައީ 152 މީހުންނަށެވެ. ނަމަވެސް މިރޭ އާއްމު ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި މިހާރު 161 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ރާއްޖެ އިން މިއަދު 145 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 6370 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުނުވެ މިހާރު ވެސް 2431 މީހުން އެބަތިއްބެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 127 މީހަކު މިއަދު ބަލިން ރަނގަޅު ވެއްފައެވެ. މިއަދު ފައްސިވި މީހުންގެ ތެރޭގައި 123 ދިވެހިން ތިބި އިރު ދެން ހިމެނެނީ 11 ބަންގްލަދޭޝް މީހަކާ، އިންޑިއާގެ 3 މީހަކާއި، ލަންކާއަށް ނިސްބަތްވާ 5 މީހަކާއި، ނޭޕާލު، ޖޯޑަން އަދި ޖަޕާން މި ތިން ގައުމުން މީހެކެވެ.
ފުރަބަންދައް ދިން ލުއިތަކަށް ފަހު ބަލީގެ ނުރަތްކާ އިތުރަށް ބޮޑުވުމާއި ގުޅިގެން ރާއްޖޭގައި ބަލި ފެނިފަވާ ހުރިހާ ރަށެއްގައި މީހުން އެއްވެ އުޅޭ ތަންތަނަށް ނިކުންނައި އިރު މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ. އަދި މާލެ ސަރަހައްދު ގެ ރައްތަކުގައި ރޭގަނޑު 22:00 އިން ފަތިހު 05:00 އަށް މީހުން މަގުމަތީ އުޅުން ވަނީ މަނާކޮށްފައެވެ. މާސްކު ނާޅާ އަދި ކާފިއުގެ ވަގުތުގައި ބޭރުގައި އުޅޭ ފަރާތްތަށް 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ސަރުކާރުން ހަދާފައެވެ.