ޒަކާތު ފަންޑުން މިހާތަނަށް ކޯވިޑް-19 އާއި ގުޅުން ހުރި ކަންކަމަށް 5.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒާހިރު ރޭ ޕީއެސްއެމްގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ ޒަކާތު ފަންޑުން މިދިޔަ އަހަރު ބޭސްފަރުވާގެ ގޮތުގައި 16 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާނެ ކަމަށާއި މިއަހަރުގެ މިހާތަނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި އެ ފަންޑުން ފޯރުކޮށްދީފައިވަނީ 3.3 މިލިއަން ރުފިޔާ މަށެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް މާލީ ގޮތުންނާއި އިޤްތިސޯދީ އަދި ޢިޖުތިމާއި ގޮތުން ގެއްލުން ކުރިމަތިވި ކަމަށާއި އެގޮތުން އެތައް ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށެވެ. ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ޒަކާތު ފަންޑުން ކޯވިޑަށް 15 މިލިއަން ރުފިޔާ ހާއްސަކޮށްފައިވާ ކަމަށް މިނިސްޓަރު ހަމަކުރިއެވެ.
ޒަކާތު ފަންޑުން 3 މިލިއަން ރުފިޔާ ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހޭދަކޮށްފައިވާ ކަމަށް މިނިސްޓަރު ޒާހިރު މަޢުލޫމާތު ހަމަކުރިއެވެ.
މީގެ އިތުރުން ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ޕްރީ ސްކޫލުތަކާއި ގުރުއާން ކްލާސްތަކަށް ދިމާވި ދަތިތައް ހައްލުކުރުމަށް ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ހޭދަކުރިއެވެ.
ޒަކާތު ފަންޑުން ޖުމްލަ 5.5 މިލިއަން ރުފިޔާ ކޯވިޑާއި ގުޅިގެން މިހާތަނަށް މިނިސްޓުރީން ހޭދަކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ.